ސަރުކާރު ބަދަލުކުރުމުގެ ރޫހެއް ރާއްޖޭގެ އެއްވެސް ދިމާލަކުން އެމަނިކުފާނަަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭންގައި ފ. އަތޮޅުގެ ވެރިކަން ކުރާ ރަށް ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މިއަދު ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭގައި މި ސަރުކާރުން އެކި ދާއިރާތައް ކުރިއެރުވުމަށް ކުރި އަދި ކުރަމުންދާ މަސައްކަތްތައް ހުއްޓުވާ، ސަރުކާރު ބަދަލުކުރުމުގެ ރޫހެއް ރާއްޖޭގެ އެއްވެސް ދިމާލަކުން އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށެެވެ. އަދި މާދަމާ ރައްޔިތުންގެ ވޯޓްގެ ނަތީޖާ ނިކުންނަގޮތަކުން އެކަންކަން ހުއްޓިގެން ހިގައިދާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް އެކަމަކު އެތަނެެއް ރާއްޖޭގެ އެއްވެސް ދިމާލަކުން ނުފެނޭ، އަޅުގަނޑަށް ފެންނަނީ މި ކާމިޔާބީގެ އޮޑިއަށް ތިބޭފުޅުން އަރައިވަޑައިގަންނަވަން،" ރައީސް ސާލިޙު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ރައްޔިތުން ވޯޓްލާން ނިކުންނައިރު ވޭތުވެދިޔަ ފަސް އަހަރު ސަރުކާރުން ކުރި ކަންކަމާ ހާސިލް ކުރެވުނު ކާމިޔާބީ ތަކާއި މެދު ވިސްނުން މުހިންމު ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށާއި، މަސްވެރިކަން ކުރިއެރުވުމަށާއި، ބާކީވެފައި ތިބި ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ ކުޅިވަރު ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދިނުމަށް އެންމެ ބުރަ މަސައްކަތެއް ކުރީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިސްރައްވެހިންނާއި އަންހެނުން، އަދި ދީނީ އިލްމުވެރިންނަށްޓަކާ އެންމެ ބުރަ މަސައްކަތެއް ކުރީ މި ސަރުކާރުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން އެންމެ ރަނގަޅަށް ދެމެހެއްޓުނީ މިދިޔަ ފަސްއަހަރު ކަމަށެވެ.

"ގައުމިއްޔަތު ދަމަހައްޓަން މިހާތަނަށް ސަރުކާރަކުން ކުރެވުނު އެންމެ ބުރަ މަސައްކަތް ކުރެވި ދެމެހެއްޓިފަ އޮތީ މިދިޔަ ފަސް އަހަރު ތެރޭގަ." ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން