ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރަކީ އިސްލާމްދީން ހިމާޔަތް ކުރާނެ ސަރުކާރެއް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ދީނީ އިލްމްވެރިޔާ ޑރ.މުޙައްމަދު އިޔާޒް ވިދާޅުވީ މި ސަރުކާރަކީ ދީނީ އިލްމުވެރިންގެ އަޑު އައްސަވާ ދީނީ ގޮތުން ކުރިމަތިވާ ކަންކަން ހައްލުކުރަން މަސައްކަތްކޮށްފައިވާ ދީން ހިމާޔަތްކުރާ ސަރުކާރެއް ކަމަށެވެ. އެމްޑީޕީއާ އެކީ އަދާލަތު ނުކުމެ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދޭން މަސައްކަތް ކުރަނީ އެހެންވެގެން ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ވިދާޅުވީ މާދަމާ ނަގާ ވޯޓަކީ ރާއްޖޭގެ މުސްތަޤުބަލް ކަނޑައެޅުމަށްޓަކައި ވަރަށް މުހިއްމު ވޯޓެއް ކަމަށެެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ރައީސް ސޯލިހަށް ވޯޓް ދޭން އިޔާޒު ވަނީ ގޮވާލައްވާފައެެވެ.

އެގޮތުން ރައްޔިތުން ގޮތް ނިންމާއިރު ގައުމުގެ ހަމަޖެހުމާ ސުލްހަ އަށް އިސްކަންދިނުމަށް އިޔާޒު އެދިވަޑައިގެންނެވިއެވެ. އިޔާޒު ވިދާޅުވީ މިއަދު ރައްޔިތުން މިދެކޭ ފާގަތި ކަން މިދެކެނީ ރައީސް ސޯލިހް ވެރިކަމުގައި ހުންނެވުމުން ކަމަށެވެ.

"އަޅުގަޑުމެންގެ ކައްޕިތާނުގެ މިންނެތް މަސައްކަތުން އުފާވެރި އަމާން ރާއްޖެއެއްގެ އައްސޭރިއަށް އާދެވިފަ އެނބުރި ނާމާން ގަދަ ކަނޑަކަށް ޤައުމު ގޮސްދާނެ ކަމުގެ ބިރުވެރިކަން އަދިވެސް އެބޮތް. ނަމަވެސް މި ނިންމުން އޮތީ ތިޔަބޭފުޅުންގެ އަތްމަތީގައި. އަޅުގަނޑުގެ އެދުމަކީ އުފާވެރި އަމާން ރައްޖޭގެ ޖަޒީރާގެ ހިތްގައިމުކަމާ ފޮނިމީރުކަން ލިބިގަންނަން ވޯޓު ދެއްވުން. މިނިވަންކަމަށް ވޯޓު ދެއްވުން. ޞުލްޙައަށް ވޯޓު ދެއްވުން. އޯގާތެރިކަމަށް ވޯޓު ދެއްވުން." އިޔާޒު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން