މާދަމާ އޮންނަ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުންދާއިރު ސަޕޯޓަރުން ނިކުމެ އެމަނިކުފާނަށް ވޯޓް އިތުރުކޮށްދިނުމަށް މަސައްކަތް ކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

ރިޔާސީ ކެމްޕެއިނަށް ފ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ބިލެއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ "ގުރުސް" ފެންމަތިވެ "ކަޅުހިލަ ދަޔަށް ވަޅިވަންނަ ހިސާބަށް" ވަގުތު ކުޑަތަންވަމުން ދާ ކަމަށެވެ. އެހެންކަމުން އިންތިހާބަށް މި އޮތް މަދު ވަގުތުކޮޅުގެ ތެރޭގައި އެމްޑީޕީގެ ސަޕޯޓަރުން ނިކުމެ ވޯޓް އިތުރުކޮށްދިނުމަށް މަސައްކަތް ކުރުމަށް ރައީސް ސާލިޙު ވަނީ އެދިވަޑަައިގެންފައެވެ.

ރައީސް ވިދާޅުވީ ވާދަވެރި ކެންޑިޑޭޓުން މިހާރު ތިބީ ކެމްޕޭން ނިންމާލައިގެން ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނުގެ ކެމްޕޭން ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހިތްވަރާއި ބުންވަރާ ކެރުން އެބަހުރި ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބުންވަރު އެބަހުރި، ހިތްވަރު އެބަހުރި ކެރުން އެބަހުރި އަޅުގަނޑުމެން މިތިބީ ރޭ އައްޑޫ ސިޓީގައި ތިބެފައި މި ރަށައް އައިސް. އަދިއެެއް ނިދާނެ ކަމެއް ނެތް. ތިބޭފުޅުން މިރޭ ވެސް ނިދާނެ ކަމެއް ނެތް. ހަތް ގަޑިއިރު ކެމްޕޭން ކޮށްފައި މާދަމާ ވޯޓްލާ ދެން އެއަށްފަހު ކުރާނެ ކަމެއް ކުރަންވީ. ހަމަގައިމު ވެސް އަޅުގަނޑު ބޭސްކާނީ މިކަން ނިންމައިގެން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އެނބުރި އަނިޔާވެރިކަމަށް ދާން ރައްޔިތުން ދެން ބޭނުން ނުވާ ކަމަށެވެ. އަދި އެމަނިކުފާނު ރައްޔިތުން ވެރިކަމަށް ގެނައީ އަނިޔާވެރިކަން ބަދަލުކޮށް އަމާންކަމާއި ހަމަޖެހުން އަދި އަސާސީ ހިދުމަތްތައް ގާއިމްކޮށްދޭން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެއްވެސް ތަފާތު ކުރުމެއް ނެތި އެއްވެސް ރަށެއް ބާކީ ކުރުމެއް ނެތި އަސާސީ ހިދުމަތްތައް މި ސަރުކާރުން ފޯރުކޮށްދީފައިވާ ކަން ރައީސް ފާހަގަކުރެެއްވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން