މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމަށް ވޯޓު ދޭންވީ ސަބަބު ހާމަކޮށް އެމަނިކުފާނުގެ ހާއްސަ ސިޓީފުޅެއް ރައްޔިތުންނަށް ފޮނުއްވައިފިއެވެެ.

ޤާސިމް އިބްރާހީމް ސޮއިކުރައްވާ އާންމުކުރެއްވި މިސިޓީގައި ވިދާޅުވީ ޤައުމު މިއަދު މިއޮތީ ނުރައްކާ ފައްތަރެއްގައި ކަމަށެވެ. މި ޤައުމަށް އެކިއެކި ސިޔާސީ ވެރީން ޖެއްސި މާލީ މުސީބާތްތަކުން ޤައުމު ސަލާމަތް ކުރުމަށް ތަޖްރިބާ ހުރި ޤައުމު ދެކެ ހަޤީޤީ ލޯބިވާ ވެރިޔަކު އިންތިޚާބުކޮށް އަވަހަށް މަސައްކަތް ނުފަށައިފިނަމަ މި ޤައުމާއި، ރައްޔިތުންގެ މިނިވަންކަމާއި ސިލްމާ ސަލާމަތް ނެތިދިއުމަކީ ވަރަށް ގާތުގައި އޮތް ކަމެއްކަމަށް ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން އެސިޓީގައި ޤާސިމް ވިދާޅުވީ ޖެހިޖެހިގެން 10 އަހަރު ރާއްޖެއިން ސޮވަރިން ދަރަނި އިތުރުކޮށްފައިވާ ކަމަށާއި ދަރަނި މިވަނީ ގާތްގަނޑަކަށް 120 ބިލިއަން ރުފިޔާ އަށްވުރެ މައްޗަށް އަރާފައިކަމަށެވެ. އަދި ކުރިއަށް އޮތް 5 އަހަރު ނިމޭއިރު ދަރަނި 165 ބިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށް ބެލެވޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ކަމާއި ފިނޭސް މިނިސްޓަރުކަން ވެސް ކުރެއްވި ޤާސިމް ވިދާޅުވީ ހަމައެކަނި ރިޕޭމަންޓްތަކުގެ ގޮތުގައި އެކަނިވެސް 2026 ވަނަ އަހަރު 1 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ޢަދަދެއް ރާއްޖެއިން ދަރަނިނަގާފައިވާ ޤައުމުތަކަށް ދައްކަން ޖެހޭ ކަމަށެވެ. އަދި މިދަރަނިތައް އަނބުރާ ދެއްކޭނެ އަދި ރީސްޓަކްޗާ ކުރެވޭނެ ގޮތެއް ދަންނަ މީހަކަށް މެނުވީ މި ޤައުމު މި ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށާއި އަވައްޓެރި ޝްރީލަންކާ ފަދައިން މި ރާއްޖެވެސް ޑިފޯލްޓް ވުމަކީ ދުރުގައި އޮތްކަމެއްނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ.



ޤާސިމް ވިދާޅުވީ ރާއްޖޭގެ ހާލަތު މިހެން އޮތް އިރު، ވެރިކަމުގައި ތިބި ފަރާތްތަކުން ޤާނޫންއަސާސީއާއި ޤާނޫންތަކާއި ޚިލާފަށް މުޅި ދައުލަތުގެ ނިޒާމުތައް ފެއިލްކޮށް، ކަރަޕްޝަންގެ ތެރެއިން ވަކި ބަޔަކަށް މަގުފަހި ކޮށްދިނުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

"ޒަރޫރީ އެންމެ ކުދި ބޭނުންތަކަށްވެސް ކޮރަޕްޝަން ބޭނުންކުރުން މިވަނީ މި ގައުމުގައި އާންމުވެފަ ނޫންތޯއެވެ؟ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ނިކަމެތި ރައްޔިތުމީހާއަށް، އާސަންދަ ހަމަޖެހެނީވެސް ކޮންމެވެސް ވެރިޔަކަށް ދަންނަވައިގެން ވެރިކަންކުރާ ޕާޓީއަށް ސޮއިކުރުމުންނެވެ." ޤާސިމް ވިދާޅުވިއެެވެ.

ޤާސިމްގެ ސިޓީގައި، ކޮރަޕްޝަނާއި ޚިޔާނާތުން ދުރުވެ، ދަރަނީގެ ދަންތުރައިން މި ގައުމާއި، ރައްޔިތުން ސަލާމަތްކޮށް، ޤާނޫނުއަސާސީ އާއި ޚިލާފަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭރުކޮށް، ސަރުކާރުން ޤަސްދުގައި ރާއްޖޭގެ ކަނޑުގެ އިޤްތިޞާދީ ސަރަޙައްދުން ބައެއް މޮރިޝަސްއަށް ދޫކޮށްލި ބައި އަލުން ހޯދުމަށް މަސައްކަތްކުރުމަށް އެމަނިކުފާނަށް ވޯޓް ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ޢަދުލުވެރިކަމާއި އެކު އިންސާފު ޤާއިމުކޮށް، ޤައުމުގެ އިޤްތިސާދު ހަމަމަގަށް އަޅުވައި ރައްޔިތުންނަށާއި ޤައުމަށް ލިބޭ ތަނަވަސްކަން އިތުރުކޮށް، އިލްމީ އަދި ފަންނީ ގޮތުން މި ރާއްޖޭގެ ރައްޔިތުން ކުރިއަރުވައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ބޯހިޔާވަހިކަން ފޯރުކޮށްދީ، ބޭސްފަރުވާ އަދި ސިއްހީ ރޮނގުން މި ރާއްޖެ ތަރައްޤީކޮށް، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެ ކުރިއެރުވުމަށް، ތަޖްރިބާގެ އަލީގައި ޔަޤީންކަމާއެކު، ޤައުމު ހަމަމަގަށް އެޅުވުމަށް، ޤާސިމް އިބްރާހީމް އަށާއި، އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމްއަށް ވޯޓުދެއްވުމަށް ޤާސިމް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން