މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ އިލްތިމާސްކޮށްފިއެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިލެކްޝަންްސް ކޮމިޝަން އޮތީ މާދާމާ އޮންނަ އިންތިހާބަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވޯޓުލާ ހުރިހާ މަރުކަޒެއްގައި ހެނދުނު 08:00 ޖަހާއިރު ވޯޓުލުން ފެށޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާދަމާ ވޯޓުލާން ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް ވޯޓުލާ މަރުކަޒުތަކުގައި ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އަދި ވޯޓުލާ ކޮންމެ 10 މަރުކަޒަކަށް ކޯޑިނޭޓަރަކު ހުންނާނެ ކަމަށާއި އޭގެއިތުރުން ހެޑް ކޯޑިނޭޓަރުންގެ ގޮތުގައި އީސީގެ ސީނިއަރ މުވައްޒަފުން ތިއްބަވާނެ ކަމަށާއި ހެޑް ކޯޑިނޭޓަރުގެ ގޮތުގައި ސެކެރެޓަރީ ޖެނެރަލް ހުންނަވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. 

މީގެ އިތުރުން ހަބީބް ވިދާޅުވީ މާދަމާ ހެނދުނު 8 ޖަހާއިރު އިނގިރޭސިވިލާތުގެ ލަންޑަނުގައި ބަހައްޓާ ފޮށި ފިޔަވާ ހުރިހާ މަރުކަޒުތަކެއްގައި ވޯޓުލުން ފަށާނެ ކަމަށެވެ. އަދި ކިއުގައި އެއްވެސް މީހަކު ނެތް ނަމަ ހަވީރު ހަތަރެއް ޖަހާއިރު ފޮށި ބަންދު ކުރާނެ ކަމަށާއި ވޯޓު ގުނަން 4:30 ގައި ފަށާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ ބައެއް ރިސޯޓު ފަދަ ތަންތަނުގައި 4 ޖެހުމުގެ ކުރިން ފޮށި ބަންދު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެ ފޮށިތައް ވެސް ގުނަން ފަށާނީ 4:30 ވުމުން ކަމަށް ހަބީބު ވިދާޅުވިއެވެ. 



ހަބީބް ވަނީ ވޯޓްލާން ދިޔުމުގެ ކުރިން ކޮންމެ ރައްޔިތަކުވެސް އެމީހަކު ވޯޓްލާން ރަޖިސްޓްރީ ކޮށްފައި އޮތްތަނެއް ބެލުމަށް އިލްތިމާސްކުރަށްވާފައެވެ. އެގޮތުން 1414 އަށް އެސްއެމްސް ފޮނުވައިގެންނާއި ނަމްބަރަށް ގުޅައިގެން އެ މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ. ހަބީބް ވަނީ ކޮންމެ ރައްޔިތަކު ވެސް ވޯޓްލާން ދާއިރު މުއްދަތު ހަމަނުވާ އައިޑީކާޑެއް ނުވަތަ ޕާސްޕޯޓް، ނުވަތަ ލައިސަންސް ކާޑު ގެންދިޔުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން