މިއަދު ބާއްވާ ރިޔާސީ އިންތިހާބު ނިމި ނަތީޖާ އިއުލާންކުރަން ފެށުމުން ހުށައަޅާ ޝަކުވާތަައް ބަލައިގަންނަން އުނދަގޫވާނެ ކަމަަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

މިއަދު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅޭ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިންތިހާބާއި ގުޅިގެން ޝަކުވާ ހުށައެޅުމަަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކޮމްޕްލެއިންސް ބިއުރޯތައް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބާއި ގުޅޭ ޝަކުވާ ބަލައިގަތުމަށް ކޮންމެ ރަށެއްގައި އެކޮމިޝަންގެ ފޯކަލް ޕޮއިންޓެއް ހުންނާނެ ކަމަށާއި އެތަނަށް ޝަކުވާ ހުށައެޅޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

އެގޮތުން ފޯކަލް ޕޮއިންޓްތަކަށް ހުށައެޅޭ ޝަކުވާތައް ކޮމްޕްލެއިން ބިއުރޯތަކަށް ހުށައަަޅައިގެން ބަލާނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވޯޓްލާ ދުވަހު ވޯޓްލާ މަރުކަޒުގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ޝަކުވާ ހުށައަޅާނީ ވޯޓްލާ މަރުކަޒުގެ ވެރިޔާއަށް ކަމަށާއި ވެރިޔާއަށް ޝަކުވާ ހުށައެޅުމުން ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ވޯޓްލާ މަރުކަޒުގެ ވެރިޔާއަށް ހުށައަޅާ އެ ޝަކުވާތައް ރަށްރަށުގެ ފޯކަލް ޕޮއިންޓްތައް މެދުވެރިކޮށް ކޮމްޕުލެއިންސް ބިއުރޯއަށް ހުށައަޅާނެ ކަމަށް ހަބީބް ވިދާޅުވިއެވެ. ހަބީބް ވަނީ އިންތިހާބު ހިނގަމުންދާއިރު ޝަކުވާއެއް އޮތްނަމަ ވީހާ ވެސް އަވަހަކަށް އެ ޝަކުވާ އެއް ހުށައެޅުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ހިގައިފިއްޔާ އެކަމެއްގެ ވާހަކަ ކުރީބައިގައި ހަމަ ޖެހޭނެ ރިޕޯޓްކުރަން، މިދެންނެވީ ޝަކުވާއެއްގޮތަށް އޮންނަންޖެހޭނެއޭ، އިންތިހާބު ނަތީޖާ ވަކި ހިސާބަކުން ވަކި ނަތީޖާއެއް އައީމަ ދެން މިވެނި ރަށެއްގެ މިވެނި ފޮއްޓެއްގެ މިވެނި ގޮތަކަށޭ ކަންކަންވީ، އެހެން ނުހެއްދެވުން އެދެން. އޭރުން އެ ޝަކުވާ ބަލައިގަންނަ ބަޔަކަށް ވެސް ތަންކޮޅެއް އުނދަގޫވާނެ." ހަބީބް ވިދާޅުވިއެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ ވޯޓްލާ މަރުކަޒުތަކުގެ ވެރިޔާއަށް ހުށައަޅާ ޝަކުވާތައް ކަންހިނގި ގޮތުގެ ރިޕޯޓްގައި ހިމެނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އިންތިހާބާއި ގުޅޭ ގޮތުން ހުށައަޅާ ޝަކުވާ ތަކަށް ކޮމިޝަނުން ދޭ ޖަވާބާ މެދު ހިތްހަމަނުޖެހޭނަމަ އެމައްސަލަ ކޯޓަށް ހުށަައެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ހަބީބް ވިދާޅުވިއެެވެ.

"ކޯޓަށް ދާއިރު ވެސް ބަލާނީ ކަން ހިނގިގޮތުގެ ރިޕޯޓްގައި އެޝަކުވާ އެއް އޮތްތޯ ހުށައަޅާފައި. އެކަންކަމުގެ މައްޗަށް ހަމަ ޕާޓީތަކުން ވެސް ކެންޑިޑޭޓުން ވެސް އެހެން ފަރާތްތަކުންވެސް ހޭލުންތެރިކަން ބެހެއްޓުން ވަރަށް މުހިންމު." ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓްލުން ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.



ވޯޓު ގުނަން ފަށާނީ ހަވީރު 4:30 ގައި ކަމަށާއި އިންތިހާބުގެ ވަގުތީ ނަތީޖާ ހަވީރު 05:30 އިން ފެށިގެން އިއުލާން ކުރަމުންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން