ރާޔާ ރިޟާ   9 ސެޕްޓެމްބަރު 2023 - 20:20
ފޮޓޯ: އައްޑޫ ސިޓީ މަރަދޫ ވޯޓްލާ މަރުކަޒު ކައިރި
ފޮޓޯ: އައްޑޫ ސިޓީ މަރަދޫ ވޯޓްލާ މަރުކަޒު ކައިރި
ދިމާވި މައްސަލަ ހައްލުކުރުމަށްފަހު އއ،. ރަސްދޫގައި އަލުން ވޯޓް ލާން ފަށައިފި ކަމަށް އިންތިހާބުގެ ސަލާމަތީ ކަންކަމުފައި ހަރަކާތްތެރިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ބްލޫ ވޭވް 2023" އިން މައުލޫމާތު ދީފިއެވެ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓު ލުމުގެ ތެރެއިން އއ. ރަސްދޫ ވޯޓްލާ މަރުކަޒުގައި މަސައްކަތް ކުރަމުންދިޔަ 2 އޮފިޝަލަކު ވަނީ މަގާމުނުގެ މަސްއޫލިޔަތުން ދިރުކޮށްފައެވެ. އެކަމާއި ގުޅިގެން ރަސްދޫ ވޯޓްލާ މަރުކަޒުގައި ވޯޓް ލުމުގެ ކަންތައްތައް ވަގުތުން މަޑުޖެހިގެން ދިޔައެވެ.

އއ. ރަސްދޫ ވޯޓްލާ މަރުކަޒުގައި މަސައްކަތް ކުރަމުންދިޔަ 2 އޮފިޝަލަކު މަސްއޫލިއްޔަތުން ވަކިކުރީ އެމީހުން ސޮއިކޮށްފައިވާ އިގުރާރާއި ޚިލާފު ވުމުން ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެފައިވެއެވެ. މިހާރު އެ ދެ އޮފިޝަލުންގެ ބަދަލުގައި ރިޒާވް އޮފިޝަލުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި މެދުކެނޑުނު ރަސަދޫގެ ވޯޓުފޮށްޓަށް އަލުން ވޯޓުލާން ފަށާފައިވާ ކަމަށްވެސް ބްލޫ ވޭވް 2023 އިން ބުނެފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ހަބީބް ވިދާޅުވީ މި ދެ އޮފިޝަލުންގެ ބަދަލުގައި ރިޒާވް އޮފިޝަލުން މަސައްކަތަށް ނެރެން ނިންމުމުން ރަސްދޫ ވޯޓްލާ މަރުކަޒު ތެރޭގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ވޯޓުފޮށި ބަންދުކޮށްފައިވާ ކަމަށް ވާޙަކަތައް ފެތުރިފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ފޮށި ބަންދުކުރި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެމުން އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދެ އޮފިޝަލުން ވަނީ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުރާ ހަރަކާތެއްގައި ބައިވެރިވެފައި ކަމަށެވެ. އެހެން ކަމުން، އެ ދެ އޮފިޝަލުން މަގާމުގެ މަސްއޫލިއްޔަތުން ދުރު ކުރަން ޖެހުނު ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން