ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ހޯދުމަށް އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ޕާޓީގެ ލީޑަރޝިޕުން ކުރިއަށްގެންދާނެކަމަށް އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓް ހޯއްދެވި ކެނޑިޑޭޓް، ޕްރޮގްރެސިވް ކޮންގްެރެސްގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ލިބުނު ކާމިޔާބީއަށްފަހު މީޑިއާ ވާހަކަ ދައްކަވަމުން އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ކާމިޔާބީއަކީ ކުރިންވެސް އުއްމީދު ކުރި ނަތީޖާއެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުން ގައުމީ ރޫހެއްގައި ނިކުމެ ދެއްކީ ވަރަށް ވަރުގަދަ މިސާލެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުމެންނަށް ކުރެއްވި އިތުބާރާއި ދެއްވި ތާއީދަށްޓަކައި. ހަގީގަތުގައި މިއަދު މިއީ އަޅުގަނޑު ވަރަށް އުފާ ކުރާ ދުވަހެއް" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން ލީޑާޝިޕުން މަޝްވަރާ ކުރާނެކަމަށާއި އެދެނީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ލިބުމަށްކަމަށެވެ.

ވޯޓުލުމުގެ ހައްގު ލިބުނު 282395 މީހުންގެ ތެރެއިން 223092 މީހުން ވޯޓު ލާފައިވެއެވެ. އޭގެތެރެއިން މުއިއްޒަށް 100،322 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލާން ނުކުތް މީހުންގެ 45.1 ޕަސެންޓެވެ.

މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގެ ވޯޓްލުމުގައި މުއިއްޒު ވާދަކުރައްވާނީ ދެވަނަ ލިބިވަޑައިގަތް ރައީސް ސާލިހާއެވެ. އެމަނިކުފާނަށް އިންތިހާބުން ލިބިވަޑައިގަތީ 85045 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 38.2 ޕަސެންޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން