އުއްމީދުކުރި ނަތީޖާ ނުލިބުނު ސަބަބު ބަލައި، އިސްލާހީ ފިޔަވަޅުތައް އަޅުއްވާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ އެއް ބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ނިކުތް އެމްޑީޕީއަށް ފުރަތަމަ ބުރުވެސް ކާމިޔާބުނުވެ، ހީކުރިވަރަށް ވުރެ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބުން އެމްޑީޕީއަށް ލިބުނީ ހީކުރިވަރުގެ ނަތީޖާއެއް ނޫންކަމަށާއި އެ ނަތީޖާ އެހެން ނިކުތީ އިންތިހާބުގައި ވޯޓުލާން ބޮޑު ޕަސެންޓެއް ނުނުކުތުންކަމަށެވެ.

ފައްޔާޒު ވިދާޅުވީ ތިންބައި ކުޅަ ދެބައި މީހުން ވޯޓް ލާން ނުނިކުންނާނެކަމަށް އެމްޑީޕީން ބަލާފައި ނުވާކަމަށާއި އެއީ އެ ނަތީޖާ އެހެން ދިމާވުމުގެ ސަބަބެއް ކަމަަށެވެ. އަދި ވޯޓްލާން ނުނިކުތް ސަބަބު ބަލައި، އެކަންކަން އިސްލާހުކުރަންޖެހޭކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"ވޯޓާސް ނުނުކުތީ ކީއްވެތޯ ބަލަން ޖެހޭނީ. ސަރުކާރާ އިދިކޮޅުވެގެން ނަމަ ސަރުކާރާ ދެކޮޅަށް ވޯޓުލާން ގިނަ ބަޔަކު ނުކުންނާނެ. އެތަނެއް ނޫން މިފެނުނީ. ވޯޓުނުލާތަން މި ފެނުނީ. މިއީ އަޅުގަނޑުމެން ޕާޓީގެ ބައިބައިވުމުގެ އަސަރު ކަމަށް ވެސް ވެދާނެ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އުއްމީދު ކުރި ވަރުގެ ކާމިޔާބެއް ނުލިބުމަކީ ކަންބޮޑުވާ އަދި ދެރަވާކަމެއްކަމަށާއި، ނަމަވެސް ހިތްވަރު އެލުވާނުލާ އެމްޑީޕީ މެމްބަރުން އިތުރަށް މަސައްކަތްކުރަންޖެހޭކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީއާ ކޯލިޝަން ހަދަން ތިބި ހުރިހާ ފަރާތްތަކަށް އެ ފުރުސަތު އެބައޮތްކަމަށާއި، އޭގެތެރޭގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނު އަލަށް އުފައްދާފައިވާ ޕާޓީތަކުގެ މެމްބަރުންވެސް އިސްތިސްނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން