ފުރަތަމަ ބުރުގައި ވޯޓު ނުލެވި ތިބި މީހުންގެ އެހީއާއިއެކު ދެވަނަ ބުރު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޢަލީ ޒާހިރު ވިދާޅުވީ އެއްބުރުން ނުނިމުގެ މާނާއަކީ އަދި ނިމުނީކީއެއް ނޫން ކަމަށެވެ. އަދި ދެވަނަ ބުރަށް ދާނީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

"އެއްބުރުން ނުނިމުނު، ވީމާ އަދި ނިމުނީކީ ނޫން. ދެވަނަ ބުރަށް ދާނީ އިހުނަށްވުރެ ގަދަކޮށް އިންޝާ ﷲ. ވޯޓްގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. 2 ވަނަ ބުރުގައި އަޅުގަނޑުމެން ނިކުންނާނީ މިފަަހަރު ވޯޓުގައި ބައިވެރިނުވެވުނު ހުރިހާ ބޭފުޅުންގެ ވޯޓާއިވެސް އެކު. އެންމެން އެކުގައި ކެންޑިޑޭޓް ނަމްބަރު 3 އިބްރާހީމް މުޙައްމަދު ޞާލިޙުއާއިއެކީ އުފާވެރި އަމާން ރާއްޖެއެެއް ހޯދާނަން އިންޝާ ﷲ." އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އަލީ ޒާހިރު ވިދާޅުވިއެވެ.

އިއްޔެ ރާއްޖޭގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުހެ މައްޗަށް ބޮޑިތަފާތަކުން ކުރިހޯއްދަވައިފައެވެ. ނަމަވެސް ވާދަވެރި ދެ ކެންޑިޑޭޓުންކުރެ އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ މަތިން ވޯޓުލިބިފައި ނުވާތީ ނަތީޖާ ނެރެންޖެހޭނީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވައިގެންނެވެ.

އެހެންކަމުން، ދެވަނަ ބުރުގައި އެހެނިހެން ޕާޓީތަކާއި ގުޅިވަޑައިގެން މަސައްކަތް ފަށާނެ ކަމަށް ރައީސް ޞާލިޙު ވެސް ވަނީ ވިދާޅުވެފައެވެ. އިއްޔެގެ އިންތިހާބުގައި އެމަނިކުފާނަށް 39.02 އިންސައްތަ ވޯޓު ލިބިފައިވާއިރު، ޑރ.މުޢިއްޒު ވަނީ 46.02 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވާފައެވެ.

އިއްޔެގެ އިންތިޚާބުގައި ވޯޓް ލާފައިވަނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ނިސްބަތުން ވޯޓުލެވޭ މީޙުންގެ ތެރެއިން އެންމެ މަދު މީޙުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން