ރާޔާ ރިޟާ   10 ސެޕްޓެމްބަރު 2023 - 17:21
އިންތިޚާބާއި ގުޅޭގޮތުން ހިސާބު ހެއްދެވުނީ ގޯސްކޮށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އަނިޔާވެރިކަމާއި ހަމައަށް އަނބުރާ ދިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ސާފުވެވަޑައިގަންނަވައިފި ކަމަށާއި އަލުން ކެމްޕޭން ރުކުރުވާލާ، ބުރަ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ޖެހުނު ހިސާބު ގޯސް. ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ. އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން, މިރާއްޖެ އަނިޔާވެރިކަމާ ދިމާލައް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަން." ފައްޔާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ފައްޔާޒް ހިސާބު ޖެއްސެވުމަށްފަހު ވިދާޅުވީ 56 އިންސައްތަ ވޯޓުން އިންތިހާބު ކާމިޔާބު ކުރަށްވާނީ ރައީސް ޞާލިހު ކަމަށެވެ. އަދި އެމްޑީޕީގެ އެ ހިސާބުތައް ބަލަހައްޓަވާ "ކުއްޖަކީ" އޭނާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އިއްޔެ ރާއްޖޭގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މައްޗަށް ބޮޑު ތަފާތަކުން ކުރިހޯއްދަވައިފައެވެ. ނަމަވެސް ވާދަވެރި ދެ ކެންޑިޑޭޓުންކުރެ އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ މަތިން ވޯޓުލިބިފައި ނުވާތީ ނަތީޖާ ނެރެންޖެހޭނީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން