ފޮޓޯ: ޚަބަރު އޮންލައިން
ފޮޓޯ: ޚަބަރު އޮންލައިން
ރޮޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ހަދާނެ ގޮތެއް ނިންމާނީ ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ތިންވަނަ ލިބިވަޑައިގެންނެވި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު މިއަދު ވިދާޅުވެއްޖެއެވެ.

"އަޅުގަނޑުމެން ވަކި ބަޔަކާއި ވާހަކަ ދައްކަންވެސް ނުދައްކަންވެސް ނިންމާފައި ނެތް. އަޅުގަނޑުމެންނަކީ ސިޔާސީ ޕާޓީއެއް މަޝްވަރާ އޮންނާނެ، މަޝްވަރާގެ ދޮރު ބަންދެއް ނުވާނެ." މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްޔާސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ މިއީ މެއި މަހުގެ ފަހުކޮޅުގައި އުފެއްދި އެ ޕާޓީގެ ފެށުން ކަމަށާއި އެ ޕާޓީގެ މުސްތަގްބަލު އޮތީ އަދި ކުރިއަށް ކަމަށެވެ. މި ފުރުޞަތުގައި އިލްޔާސް ވަނީ އެ ޕާޓީއަށް އެކި ގޮތްގޮތަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި އިލްޔާސް ވަނީ 7 އިންސައްތަ ވޯޓު ކާމިޔާބުކުރަށްވައި އިންތިޚާބުން ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައެވެ. އެއީ 15839 ވޯޓެވެ. އެހެންކަމުން، ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ވެސް ދަ ޑިމޮކްރެޓްސްގެ އެހީއިން ފައިދާ ކުރާނެއެވެ.

އިލްޔާސް ވިދާޅުވީ އިއްޔެގެ އިންތިޚާބުގައި ވޯޓު ލެއްވި މީހުންގެ އަދަދުން ރާއްޖޭގެ ސިޔާސީ މަސައްކަތްތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މިންވަރު ހާމަވެގެންދިޔަ ކަމަށެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓުލެއްވީ 79 އިންސައްތަ މީހުންނެވެ. މިއީ މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި މިހާތަަނަށް ރިޔާސީ އިންތިހާބެއްގައި އެންމެ މަދުން ވޯޓުލާން ނުކުތް ފަހަރެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ 30 ސެޕްޓެމްބަރުގައެވެ. އެހެންކަމުން، ދަ ޑިމޮކްރެޓްސް އިން ތާއީދުކުރާނީ ކޮން ޕާޓީއަކަށް ކަން އެނގެން ވަރަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން