ރާއްޖޭގެ މިފަހުގެ ރިޔާސީ އިންތިހާބުގެ މާޒީގެ ނަތީޖާ ބުރަވަނީ ފުރަތަމަ ބުރު ކާމިޔާބުކުރައްވާ ކެންޑިޑޭޓަށް ދެވަނަ ބުރު ނާކާމިޔާބު ކުރެވިގެންދާ މަންޒަރު ކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި އޭނާ ވަނީ 2008، 2013 އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުތަަކުގެ މާޒީގެ ތާރީޚީ ނަތީޖާ ތަކުން މިސާލު ދައްކަވާފައެވެ. އެގޮތުން، ހެދިފައިހުރި ގޯސްތައް ރަނގަޅުކޮށްގެން ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ކާމިޔާބީ ހާސިލުކުރެވޭނެ ކަމަށް މަހްލޫފު ވިދާޅުވިއެވެ. އަދި ހަގީގަތް ގަބޫލުކޮށް ނަތީޖާ ހަޖަމް ކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ތާރީޙުގައި ކަންހިނގާފައި އޮތްގޮތަށް ބަލާއިރު إِنْ شَاءَ ٱللَّٰهُ ދެވަނަ ބުރު އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ. ގަދައަޅާ މަސައްކަތްކުރަމާ ހިންގަވާ." މަހްލޫފު ވިދާޅުވިއެވެ.

މާޒީން މިސާލު ނަންގަވައި މަހުލޫފު ވިދާޅުވީ 2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމް 45 އިންސައްތަ ވޯޓު ހޯއްދެވިއިރު ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25 އިންސައްތަ ވޯޓު ހޯއްދެވި ރައީސް މުޙައްމަދު ނަޝީދު ކަމަށާއި 2013 ގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު 47 އިންސައްތަ ވޯޓު ހޯއްދަވާފައިވަނިކޮށް ފަހަތުން އަރާ ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25 އިންސައްތަ ހޯއްދެވީ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ކަމަށެވެ.

އެހެން ނަމަވެސް، މި ފަހަރުގެ އިންތިޚާބުން ލިބުނު ނަތީޖާއިން އޭނާއަށް ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"މިނަތީޖާއަކީ ސިޔާސީ ހަޔާތުގައި އަޅުގަނޑަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނު ފަހަރު. މިހަގީގަތް ގަބޫލުކޮށް އަދި ހަޖަމުކޮށްގެން، ހެދިފައިހުރި ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރުގައި ރައީސް ޞާލުހަށް މިއިންތިޚާބު ކާމިޔާބުކުރެވޭނެ. إِنْ شَاءَ ٱللَّٰهُ'." މަހްލޫފްގެ ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.

އިއްޔެ ރާއްޖޭގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުހެ މައްޗަށް ބޮޑު ތަފާތަކުން ކުރިހޯއްދަވައިފައެވެ. ނަމަވެސް ވާދަވެރި ދެ ކެންޑިޑޭޓުންކުރެ އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ މަތިން ވޯޓު ލިބިފައި ނުވާތީ ނަތީޖާ ނެރެން ޖެހޭނީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވައިގެންނެވެ.

ދެ ވަނަ ބުރުގެ ވޯޓްލުން އޮންނާނީ 30 ސެޕްޓެމްބަރު ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން