އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއަށް ދިވެހިރައްޔިތުން ދެއްވި އިތުބާރާއި ޔަޤީންކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން "ޝުކުރިއްޔާ ދިވެހީން"ގެ ނަމުގައި މިރޭ ބޮޑު ރެލީއެއް ބާއްވަން ނިންމައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ކޯލިޝަނުން ބުނީ އެ ރެލީ އޮންނާނީ މިރޭ 8:45 ގައި އާޓިފިޝަލް ބީޗްގައި ކަމަށެވެ. އަދި ވީހާވެސް ގިނަ ދިވެހި ރައްޔިތުން މި ރެލީގައި ބައިވެރިވުމަށް އެކޯލިޝަނުން ވަނީ އެދިފައެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މައްޗަށް ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވަނީ ވަރަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި މުއިއްޒު ވަނީ 46 ޕަސެންޓަށްވުރެ މަތިން ވޯޓް ހޯއްދަވާފައެވެ. އެއީ، ގާތްގަނޑަކަށް 100،723 ވޯޓެވެ. ރައީސް ސާލިޙަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެެ. އެއީ ގާތްގަނޑަށް 85،126 ވޯޓެވެ.

އިންތިހާބު ކާމިޔާބުކުރުމަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ބޭނުންވާއިރު އެ މިންވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓް ލިބިވަޑައިނުގަންނަވާތީ އިންތިހާބުގެ ދެވަނަ ބުރަކަށް މިހާރު ވަނީ ދާންޖެހިފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން