އެއްވެސް ފުލުހަކަށް ޕްރޮމޯޝަން ދޭން ސަރުކާރުން މިދިޔަ 5 އަހަރު ތެރޭގައި އަންގާފައިނުވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިހެން ބުނެފައި މިވަނީ ސިޔާސީގޮތުން ތާއީދު ހޯދަން 300 ފުލުހަކަށް ޕްރޮމޯޝަން ދޭން ސަރުކާރުން ފުލުހުންގެ އިދާރާއަށް އަންގާފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެނެވެ.

ފުލުހުން ވިދާޅުވީ އިންތިހާބާއި ގުޅިގެންވެސް، އަދި އެނޫން އިރެއްގައިވެސް މިދިޔަ 5 އަހަރު ތެރޭ އެއްވެސް ފުލުހަކަަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގާފައިނުވާކަމަށެވެ.

ފުލުހުން ވިދާޅުވީ ޕްރޮމޯޝަން ދިނުމަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުގައިވާ ގޮތުގެ މަތިން ފުލުހުންގެ ތެރޭގައި ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ޕްރޮމޯޝަން ބޯޑުން ނިންމާ ނިންމުމެއްގެ މައްޗަށް ކުރެވޭ ކަމެއްކަމަށެވެ.

ފުލުުހުންތަކަކަށް ޕްރޮމޯޝަން ދޭން ސަރުކާރުން އެންގިކަމަށް ބުނެ މީޑިއާއަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ނޫންކަމަށެވެ. އަދި ފުލުހުންނާ ގުޅޭގޮތުން ތަކުރާރުކޮަށް، ފުލުހުންގެ ޚިދުމަތުގެ ބަހެއް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރާއްޖޭގެ މީޑިއާއަކުން މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ އެ ޚިދުމަތުން ކަންބޮޑުވާ އަދި ކުށްވެރިކުރާ ކަމެއްކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވިދާޅުވީ މިކަމާއި ގުޅޭގޮތުން އެއްވެސް ކަމެއް ސާފުކުރުމަށް ފުލުހުންގެ ކިބައިން އެ މީޑިއާއިން އެދިފައިނުވާކަމަށެވެ. އަދި ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާއި ޚިލާފު ކަންކަން ނުކުރަންވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން