މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއިން ގައުމަށް އުއްމީދެއް ގެނެސްދީފައިވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ހޮނިހިރުދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަަކުރުމަށް އިދިކޮޅު ކޯލިޝަނުން މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދިޔަ "ޝުކުރިއްޔާ ރައްޔިތުން" އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންތިހާބުގެ ނަތީޖާ އާއެކު ގައުމަށް އުއްމީދެެއް ގެނެސްދީފައިވާ ކަމަށެވެ. އެހެން ނަމަވެސް އިންތިހާބު ކާމިޔާބު ކުރަން ކުރަންޖެހޭ މަސައްކަތް އަދި އޮތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ރާއްޖެއަށް ނާމާންކަމެއް ބިރުވެރިކަމެއް ކުރިމަތިވާ ކޮންމެ ދަނޑިވަޅެއްގައި ރާއްޖޭގެ ދިފާއުގައި ދިވެހިން ތެދުވާ ކަމަށެވެ. އިއްޔެގެ ނިންމުމަކީވެސް މިހާރު ޤައުމުން ފެންނަ ނާމާންކަމާއި ބިރުވެރިކަން ނިމުމަކަށް ގެނައުމަށް ދިވެހިން ނިންމި ނިންމުމެއްކަމަށް ޤަބޫލުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދިވެހިންގެ ކަންކަން ނިއްމާނީ ދިވެހިން ކަމަށާއި ރައްޔިތުން ދިނީ އެ މެސެޖް ކަމަށެވެ.



ޑރ. މުޢިއްޒު ވިދާޅުވީ، އެ ނިންމުމަކީ މި ޤައުމުގެ މިނިވަންކަން މިހާރު ދާ ގޮތަށް ދާން ދޫކޮށްލަން ފަސޭހަ ނޫންކަމާއި، ދިވެހިންގެ މުސްތަޤުބަލު ނިންމާނީ ދިވެހިންކަމަށް ނިންމި ނިންމުމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހުރިހާ ދިވެހިންވެސް ވާންވީ ފިކުރު އެއްގޮތްކޮށް، އިސްލާމްދީނާއި ދިވެހިބަހާއި ދިވެހި ޤައުމިއްޔަތު ދިފާއުކުރާ ބަޔަކަށް ކަމަށެވެ.

ރާއްޖޭގެ ކަންކަން ނިންމާނީ ދިވެހިންކަމުގެ މެސެޖު މި މަހުގެ 30 ވަނަ ދުވަހުގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުން ދިނުމަށް، މުއިއްޒު ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން