ހޮނިހިރުދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ކުރިއަށްދިޔައީ މާބޮޑު މައްސަލަތަކެއް ދިމާނުވެ، އަމާންކޮށްކަމަށް އިންތިހާބުގެ ކަންކަން މޮނިޓަރކުރުމުގައި ހަރަކާތްތެރިވި ކޮމަންވެލްތުގެ އޮބްޒާވަރުންގެ ޓީމުން ބުނެފިއެވެ.

މިފަހަރުގެ އިންތިހާބު އޮބްޒާވްކުރުމަށް ކޮމަންވެލްތާއި، އީޔޫ އަދި ބައެއް އެހެން ޤައުމުތަކުގެ އޮބްޒާވަރުން ހަރަކާތްތެރިވިއެވެ.

އިންތިހާބުގެ ކަންކަން މޮނިޓަރކުރުމުގައި ހަރަކާތްތެރިވި ކޮމަންވެލްތުގެ އޮބްޒާވަރުންގެ ޓީމުން މިއަދު ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވައި، އެ ބޭފުޅުންނަށް ފާހަގަވި ކަންކަން ހިއްސާކުރައްވާފައެވެ.

ކޮމަންވެލްތުގެ އޮބްޒާވަރުންގެ ޓީމުން ބުނީ ރިޔާސީ އިންތިހާބުގެ ވޯޓްލުމާއި ވޯޓް ގުނުމާއި ނަތީޖާތައް އިއުލާންކުރުމުގައި މާބޮޑު މައްސަލަތަކެއް ދިމާނުވާކަމަށާއި، އިންތިޚާބުގެ ހުރިިހާ ކަމެއްވެސް ދިޔައީ ވަރަށް އަމާންކޮށް ކަމަށެވެ.

ކޮމަންވެލްތުގެ އޮބްޒާވަރުން ވަނީ އިލެކްޝަންސް ކޮމިޝަނާއި އެ ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތުގެ ފުރިހަމަކަން ވަރަށް ބޮޑަށް ފާހަގަވެސް ކުރައްވާފައެވެ.

ބައެއް ސަރަހައްދުތަކުގައި ވޯޓްލާން ނިކުތް މީހުންގެ އަދަދު ދަށްކަން ފާހަގަކުރަމުން، އޮބްޒާވަރުންގެ ޓީމުގެ ފަރާތުން ވަނީ ވޯޓަަށް ހޭލުންތެރިކަން އިތުރުކުރުމަށް ބާރު އަޅާފައެވެ.

ކޮމަންވެލްތުގެ އޮބްޒާވަރުންގެ ޓީމުން އިންތިޚާބާއި ގުޅޭގޮތުން ތަފްސީލީ ރިޕޯޓެއް ސަރުކާރާއި ކަމާއިބެހޭ އެެހެން މުއައްސަސާތަކާއި ހިއްސާކުރާނެއެވެ. އަދި އެ ރިޕޯޓް އާއްމުކޮށް ފެންނާނެހެންވެސް ޝާޢިއުކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން