ރާއްޖޭގެ މިނިވަންކަމަށް ނުރައްކަލެއް ކުރިމަތިވާނޭކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގައެއް ނުދޭނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި، ދިފާޢީ ސިޔާސަތުގެ ތެރެއިން ބޭރުގެ އަސްކަރިއްޔާތަކާ ގުޅިގެން ގިނަ ހަރަކާތްތައް ހިންގާކަމަށާއި، އޭގެ ތެރޭގައި ޓްރޭނިންގެ ހަރަކާތްތަކާއި އެކިއެކި އޮޕަރޭޝަންތައް ހިމެނޭކަމަށާއި، ބޭރުގެ ޤައުމުތަކާއެކު ބާއްވާ އަސްކަރީ ގުޅުމުގެ މައިގަނޑު ޢަމާޒަކީވެސް ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރެއްވުންކަމަށެވެ.

ޝަމާލް ވިދާޅުވީ، މީހުން ތަމްރީންކުރުމާއި އަސްކަރީ އެކި ހަރަކާތްތަކުގައި އިންޑިއާއަކީ ޒަމާނުއްސުރެ ދިވެހި ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދޭ ބައެއްކަމަށެވެ. އެގޮތުން 2011 ވަނަ އަހަރު އިންޑިއާގެ ކޯސްޓްގާޑުގެ ހެލިކޮޕްޓަރަކާއި، 2016 ވަނަ އަހަރު އިންޑީއާ ނޭވީގެ ހެލިކޮޕްޓަރެއް އަދި 2019 ވަނަ އަހަރު ޑޯނިއާ މަތިންދާ ބޯޓެއް އަދި އެނޫންވެސް ކަނޑުގެ ވަޞީލަތްތަކާއި ޕެޓްރޯލް އުޅަނދުފަހަރު އިންޑިއާއިން ހަދިޔާކޮށްފައިވާކަން ޝަމާލް ފާހަގަކުރެއްވިއެވެ. އަދި މިއީ ދިވެހި ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން އޮޕަރޭޓްކުރާ އުޅަނދުތަކެއްކަމަށް ޝަމާލް ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަޅުގަނޑުމެންގެ ސިފައިންގެ ރިކުއެސްޓަށް ސިފައިންނާއި ގުޅިގެން މި ހަރަކާތްތައް މި ހިިންގެނީ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލުގެ ދަށުން. ވަރަށް ގިނަ ޢަދަދެއްގެ ބަލި މީހުން މިހާތަނަށް އުފުލިފައިވަނީ ހަޤީޤަތުގައި ގާތްގަނޑަކަށް ޑެއިލީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިކަން ކުރެވެމުންދަނީ. އެހެންނަމަވެސް މި ހަރަކާތްތަކަކަކީ ސިފައިންގެ ބެލުމުގެ ދަށުން ސިފައިންގެ ކޮންޓްރޯލްގައި އޮވެގެން ހިންގޭ ހަރަކާތްތަކެއް." ޝަމާލް ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާގެ ބާރު ނުހިނގާ ތަންތަން ރާއްޖޭގައި އެބަހުރިކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ޝަމާލު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ދިފާޢުކޮށް ނެގެހެއްޓުމުގައި ދިވެހި ސިފައިން އަބަދުވެސް ސާބިތުކަމާއެކީ ތައްޔާރަށް ތިބޭނެކަމަށެވެ. އަދި ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަނެއް އަސްކަރީ އެއްވެސް މަރުކަޒެއްވެސް ނުހުންނާނެކަމަށް ޝަމާލު ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަނެއް އަސްކަރީ އެއްވެސް މަރުކަޒެއް ނުހުންނާނެކަން. އަދި އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި ކުރިމަގުގައިވެސް އެ ފުރުޞަތެއް އެއްވެސް ބަޔަކު ނުދޭނެކަން." ޝަމާލް ވިދާޅުވިއެވެ.

ޝަމާލު ވިދާޅުވީ ދިވެހި ސިފައިންނަކީ އަބަދުވެސް ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ނެގެހެއްޓުމުގައި ސާބިތުކަންމަތީގައި މަސައްކަތްކުރާނެ ބައެއްކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭނެ ފަދަ އެއްވެސްކަމަކަށް ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަންވެސް ޝަމާލުދެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން