ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލެ ސިޓީގެ މޭޔަރ އޮނަރަބަލް ޑރ.މުހައްމަދު މުއިއްޒުއަަކީ ހަރުކަށި ފިކުރަށް ތާއީދުކުރައްވާ ބޭފުޅެއްކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރައްދު ދެއްްވައިފިއެވެ.

އާއްމުންގެ މީހަކު ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ެމުއިއްޒުގެ އަނބިކަނބަލުން ސަޖިދާ ވަނީ މުއިއްޒުއަަކީ ކޮންކަހަލަ ބޭފުޅެއްކަން މުޢިއްޒުއާ ގުޅޭގޮތުން ސުވާލުކުރި މީހާއަށް ކިޔައިދެއްވާފައެވެ.

ސަޖިދާ ވިދާޅުވީ މުއިއްޒަކީ ހަރުކަށި ފިކުރަށް ތާއީދުކުރައްވާ ބޭފުޅެއްކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނާއިރު، އެހެން ބުނާ ފަރާތްތަކުން "ހަރުކަށި ފިކުރު" މާނަ ކުރާގޮތް ސާފުވާންޖެހޭކަމަށެވެ.

ކަނބަލުންގެ ތައުލީމާއި ކުރިއެރުމާއި އަދި ވަޒީފާގެ ފުރުސަތުތަކަށް މުއިއްޒުގެ ވެރިކަމެއްގައި ދަތިކުރާނެކަމަށް ހުޅަނގުގެ އާދަކާދަތަކަށް ތާއީދުކުރާ ބައެއް މީހުން ތުހުމަތުކުރާތީ ސަޖިދާ ވިދާޅުވީ، އިސްލާމް ދީނަށްވުރެ ބޮޑަށް އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދެވިފައިވާ ދީނެއް ނޯންނާނެކަމަށެވެ.

ސަޖިދާ ވިދާޅުވީ މުއިއްޒަކީ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދީ، އަންހެނުންނަށް އިތުރު ބާރުވެރިކަން ހޯއްދަވައި ދެއްވާނެ ބޭފުޅެއްކަމަށެވެ.

ސަޖިދާ ވިދާޅުވީ އޭނާ އިނގިރޭސި ވިލާތުން މާސްޓަރސް ފުރިހަމަ ކުރެއްވިއިރު އެންމެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވީ ފިރިކަލުން މުއިއްޒުކަމަށެވެ. އަދި މުއިއްޒަކީ ހަރުކަށި ފިކުރަށް ތާއީދުކުރައްވާ ބޭފުޅެއްކަމަށް ބުނެ ދައްކަމުންދަނީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެ މީހުންނަކީ އެ ބުނާ އެކްސްޓްރީމް ނޫން ގައުމުތަކުން ކިޔަވައިގެން ތިބި ދެ މީހުން. އަޅުގަނޑު ކުރާ ކޮންމެ ކަމެއްގައި އެންމެ ބޮޑު އެއްބާރުލެއްވުމެއް ދެއްވަނީ ފިރިކަލުން. ފިރިހެނަކަށް ވީތީ ފިރިހެނެއްގެ ގޮތުގައި ހުންނަ ބޭފުޅެއް ނޫން. ދަރިންގެ ނެޕީ ބަދަލުކުރަންޖެހުނަސް ކުރާނެ" ސާޖިދާ ވިދާޅުވިއެވެ.

މުއިއްޒުއަަށް ތައުރީފް ކުރައްވަމުން ސާޖިދާ ވިދާޅުވީ، މުއިއްޒުއަަކީ ދަރިންދެކެ ވަރަށް ބޮޑަށް ލޯބިފުޅުވާ ބައްޕައެއްކަމަށެވެ. އަދި އެމަނިކުފާނަކީ ވަފާތެރި އަދި ވަރަށް ތެދުވެރި ފިރިއެއްކަމަށާއި، މުއިއްޒު ވަރުގެ ރަނގަޅު ފިރިއެއް ނުލިބޭނެކަމަށް އޭނާވެސް ބުންޏެވެ.

ޑރ. މުއިއްޒާއި ސާޖިދާ ކައިވެނި ބައްލަވައިގަތީ ދެ ބޭފުޅުންގެ އުމުރުންވެސް 24 އަހަރުގައި، 2003 ވަނަ އަހަރުގެ މޭމަހުގެ 18 ވަނަ ދުވަހުއެވެ.

ސަރުކާރުގައި މަސައްކަތް ކުރައްވާތާ 23 އަހަރުވެފައިވާ ސާޖިދާ މަސައްކަތް ކުރައްވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ސީނިއާ ސައިންޓިފިކް އޮފިސަރެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން