ރައީސް ނަޝީދު ވިދާޅުވި ފަދައިން އެމަނިކުފާނު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓުންނަށް އެމްޑީޕީ ރޫޅާލެވިއްޖެ ކަމާއިދޭތެރޭގައި ސުވާލެއްވެސް ނުއުފެދޭ ކަމަށް ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖްލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އީވާ ވަނީ އުފެއްދިތާ އެންމެ 3 މަސް ތެރޭގައި ދަ ޑިމޮކްރެޓިކްސް ޕާޓީން ހޯދި ބޮޑު ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އިންތިޚާބުގައި ވާދަކުރި މަގްޞަދު ހާސިލުކުރެވިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރަށްވެސް އެ ޕާޓީއަށް އެމްޑީޕީގެ މެންބަރުން ކޮށްފައިވާ މަލާމަތާއި ފުރައްސާރަވެސް އީވާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން އީވާ ވިދާޅުވީ އެހެން ސަރުކާރެއްގައިވެސް ދަ ޑިމޮކްރެޓުން އަޅާ ފިޔަވަޅަކީ މުހިންމު ފިޔަވަޅެއްކަމާއި ދޭތެރޭ އެއްވެސް މީހަކަށް ޝައްކު ނުކުރެވޭނެ ކަމަށެވެ.

"މިޕާޓީ އުފެދުމާއިއެކު މަނިކުފާނު ވިދާޅުވި ރޫޅާލާނަމޭ. ރޫޅާލާނަމޭ. ސުވާލެއްވެސް ނެތް ރޫޅާލެވިއްޖެ. ދެން އަދި ދެން އަންނަ ސަރުކާރެއްގައި ދެވަނަ ބުރުގައިވެސް އަޅުގަނޑުމެން ދަ ޑިމޮކްރެޓުން އަޅާ ފިޔަވަޅަކީ މުހިންމު ފިޔަވަޅެއް ކަމާއި ދޭތެރޭގައި އެއްވެސް މީހަކު ޝައްކެއް ނުކުރާނެ." އީވާ ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ މެމްބަރުންނަށް ކުރަމުންދިޔަ ޖެއްސުމާއި، ވަޒީފާތަކުން ވަކި ކުރުން ފަދަ ފުރައްސާރަތަކަކީ ހަނދާނުން ފިލައިގެން ދާނެ ކަންތައްތަކެއް ނޫންކަމަށް އީވާ ވިދާޅުވިއެވެ. ހަމައެއާއެކު، ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ނިކަމެތިކޮށް އެކަހެރިކޮށްގެން ލިބުނު ނަތީޖާ ދެރަ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 15،839 ވޯޓެވެ. އެއީ އިންތިޚާބުގައި ވޯޓުލީ މީހުންގެ 7.18 އިންސައްތައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން