ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓް ލާ ގަޑި ހަވީރު 5 އަށް އިތުރު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އީސީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓު ލާން ނުކުތް މީހުންގެ އަދަދު ދަށްވުމުގެ ސަބަބުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލާ ވަގުތު ހެނދުނު 8:00 އިން ހަވީރު 5:00 އަށް އިތުރުކުރަން އެ ކޮމިޝަނުން ކަނޑައެޅާފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލީ މީހުންގެ އަދަދު އެހެން ފަހަރުތަކާއި އަޅާ ބަލާއިރު ވަރަށް ބޮޑަށް ދަށެވެ. އެގޮތުން، މިފަހަރު ވޯޓުލާފައިވަނީ ވޯޓްލުމުގެ ޙައްޤު ލިިބިގެންވާ އާބާދީގެ 79 އިންސައްތައެވެ. ވޯޓު ލެވޭ އާބާދީގެ 57،000 އެއްހާ މީހުން ވޯޓު ލާފައެއް ނުވެއެވެ.

ފުރަތަމަ ބުރުގައި 7 ކެންޑިޑޭޓުންނާއި ވާދަކުރައްވައިގެން 46 އިންސައްތަ ވޯޓާއެކު އެންމަތިން ވޯޓު ހޯއްދެވީ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ލިބިވަޑައިގަނެފައި ނުވުމުގެ ސަބަބުން އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޑރ. މުޙައްމަދު މުޢިއްޒު ވާދަކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

އީސީން ވަނީ ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ-ރަޖިސްޓާކުރަން ބޭނުންވާ މީހުންނަށް ފުރުޞަތު ދިނުމުގެ ގޮތުން ދެ ދުވަހުގެ މުއްދަތެއް ދީފައެވެ. އެއީ އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން