ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް 44 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.

އީސީން ބުނީ މި އަދަދު ހޯދުމަށް މާދަމާ ފިނޭންސް މިނިސްޓްރީއަށް ބަޖެޓް ހުށަހަޅާނެ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ބަޖެޓު އެކުލަވާލިއިރު ރިޔާސީ އިންތިހާބަށް ފާސްކޮށްދިނީ 90 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އަދި މި އަދަދުން ދެވަނަ ބުރަށް ދާނެ ޚަރަދުތައް ހަމަނުޖެއްސޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

"އެހެންވީމާ މިހާރު ކޮމިޝަނުން ދެވަނަ ބުރެއް ބާއްވަން ޖެހުމާ ގުޅިގެން ބަޖެޓެއް މިހާރު މި އޮތީ ތައްޔާރުކޮށްފައި، ދެވަނަ ބުރުގެ ބަޖެޓު. އެ ބަޖެޓަށް ގާތްގަނޑަކަށް 44 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކޮމިޝަނަށް ލަފާ ކުރެވެނީ،" ހަބީބު ވިދާޅުވިއެވެ.

އީސީން ވަނީ މީގެ ކުރީގައިވެސް 90 މިލިއަން ރުފިޔާގެ ބަޖެޓަކުން ދެވަނަ ބުރުގެ ޚަރަދުތައް ހަމަނުޖެއްސޭނެ ކަން ފާޙަގަކޮށް ޖުމްލަ 120 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނުމަށް އެދިފައެވެ.

މިފަހަރުގެ އިންތިޚާބުގައި 8 ބޭފުޅުން ވާދަކުރައްވާފައިވާއިރު، އެއްވެސް ބޭފުޅަކަށް 50 އިންސައްތަ ވޯޓު ކާމިޔާބުކުރެއްވިފައި ނުވުމުގެ ސަބަބުން އެންމެ މަތިން ވޯޓު ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ މެދުގައި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން މިހާރު ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން