ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބު ކުރަށްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ފުރަތަމަ ފަހަރަށް މިރޭ ދަނޑިކޮށި ޖަގަހައިގައި ސަޕޯޓަރުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނިކުތީ އެމްޑީޕީން އުއްމީދު ކުރި ގޮތަކަށް ނޫން ކަމަށެވެ.

އެމްޑީޕީ އަކީ އިންތިހާބުތަކުން ނާކާމިޔާބީ އަށްފަހު ކާމިޔާބު ހޯދާފައިވާ ޕާޓީއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޑީޕީ އަކީ އަބަދުވެސް ރޭވުންތެރިކަމާއެކު މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި ކޯލިޝަން އާއި އެކު ދެވަނަ ބުރުން ބޮޑު ތަނުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ

މީގެ އިތުރުން ރައީސް ވިދާޅުވީ އެމްޑީޕީގެ ހިތްވަރުގަދަ ސަޕޯޓަރުން ފަހަތަށް ނުޖެހި ދެވަނަ ބުރު ކާމިޔާބު ކުރުމަށް ގަދައަޅައި މަސައްކަތް ކޮށްފިނަމަ މި އިންތިހާބު ކާމިޔާބު ކުރުމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެެ. އެމަނިކުފާނު ވިދާޅުވީ މި ރިޔާސީ އިންތިހާބަކީ ރާއްޖޭގެ ރައްޔިތުން އެންމެ މަދުން ވޯޓްލި އިންތިހާބު ކަމަށާއި އެގޮތުން ވޯޓްލާން ނިކުމެފައިވަނީ 79 އިންސައްތަ މީހުން ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ވޯޓްލާން ނުނިކުންނަ ގިނަ މީހުންނަކީ އެމްޑީޕީގެ ސަޕޯޓަރުން ކަމަށާއި އެމީހުންނަށް ވޯޓްލާން ނުދެވުނު ސަބަބު ސާފުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެނަމަ މިއަށްވުރެ ރަނގަޅު ނަތީޖާ އެއް ނެރެވޭނެ، ހިސާބުތައް ބަލާއިރުގައި މީގެ ތެރޭގައި (ވޯޓްލާން ނުނިކުންނަ މީހުން) އަޅުގަނޑުމެންނަށް ތާއިދު ކުރާ އެތައް ބަޔެއްގެ ވޯޓްނުލެވި އެބަހުރި، އެ ސަބަބުތައް ދެނެގަންނަންވީ އަޅުގަނޑުމެން އެބޭފުޅުންނަށް ވޯޓްލާން ނުނިކުމެވުނީ ކީއްވެގެންތޯ، ދަތުރު ނުރޭވުނީތޯ އަޅުގަނޑުމެންނަށް ޓްރާންސްޕޯޓް ނުދެވުނީތޯ ނޫނިއްޔާ ގަޑިއަށް އައުމަށް ފަރުވާ ކުޑަކުރެވުނީތޯ، މިގޮތަށް ބަލައިގެން ލިސްޓްތައް އެހެރީ ތައްޔާރުކޮށްފައި ކޮންމެ ފޮއްޓެއް ވަކިން އަަޅުގަނޑުމެން ވާނެ ތައްޔާރުކޮށްފައި. އެއާ އެކީގައި ކުރިއަށް ވަޑަައިގަންނަވާ، އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަގީން ބާކީ އޮތް 19 ނުވަތަ 17 ދުވަހު ތެރޭގައި ނަތީޖާ މުޅިން އަނބުރާލާފައި ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކުރެވޭނެ،" ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެ ޖަލްސާގައި ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން