އަހުމަދު މަސްނޫމް   13 ސެޕްޓެމްބަރު 2023 - 3:34
ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ވޯޓެއް ނެގުމާ ގުޅޭ ގަރާރެއް ހުޅުދޫ ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރާނެ ޕާޓީއަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން އިލްޔާސް ލަބީބް ވިދާޅުވީ މިހާރު ނިޒާމު އޮތްގޮތުން ކޮންމެ ފަހަރަކު ވޯޓްލާން ޖެހެނީ ވެރިޔަކު ބާލަން ނުވަތަ ޖަލުން ބަޔަކު ސަލާމަތްކުރަން ކަމަށެވެ.

އިލްޔާސް ވިދާޅުވީ މިއީ އަނެއްކާވެސް ނިޒާމީ ވޯޓެއް ނެގުމަށް އެންމެ ރަނގަޅު ވަގުތުކަމަށާއި އެކަމާއި ދޭތެރޭ ރައްޔިތުން ދެކޭ ގޮތެއް ބަލަންޖެހޭކަމަށެވެ.

"މިހާރު މިއީ ރަނގަޅު ވަގުތު ކަމުގައި އަޅުގަނޑަށް ފެނުނީ ނިޒާމު މިހާރު މި އޮތް ގޮތަށް ބާއްވަންވީތޯ ނުވަތަ ބަދަލު ކުރަންވީތޯ." އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ނިޒާމީ ވޯޓެއް ނެގުމާއި މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅި ގަރާރުގައި ނޮވެމްބަރު 30 ގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ހުށަހަޅާފައިވާ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ނިޒާމީ ވޯޓެއް ނެގުމާއި ގުޅޭގޮތުން ގަރާރެއް މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ގަރާރު ފާސްވާނީ އެމްޑީޕީގެ ސަޕޯޓް ލިބިގެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން