އިދިކޮޅު ފަރާތްތަކުން ފަތުރާ ދޮގާ ފިތުނައިގައި ނުޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ދެވަނަ ބުރުގެ ކެމްޕޭން ފެށުމަށް އެޕާޓީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ފަތުރާ ދޮގާއި ފިތުނައިގައި ނުޖެހި އަމާން ރާއްޖެއަކަށް ދިޔުމަށް ރައްޔިތުން ފުރުސަތު ދޭންޖެހޭ ކަަމަށެވެ. އެގޮތުން މި ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލި ކަމަށް ބުނާއިރު އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެމްޑީޕީން ވެސް އެޕާޓީގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވެސް ރާއްޖެއިން ބައި އިންޗިއެއް ވެސް ދޫކޮށްލަން އެއްބަސްނުވާނެ ކަމަށާއި އެމްޑީޕީއަށް ވުރެ ބޮޑަށް މިގައުމަށް ހެއު އެދޭ އެހެން ބަޔަކު ނެތް ކަމަށް އަސްލަމް ވިދާޅުވިއެެވެ.

"ދޮގާއި އެ ދޮގުން ނެރޭ ފިތުނަ ފަސާދައިގެ ތެރެއަށް ރައްޔިތުން ނުވަންނަވާ، ދޮގާއި އެ ފިތުނަ ފަސާދައިގެ ތެރެއަށް ރައްޔިތުން ވަޑައިނުގަންނަވާ، އަޅުގަނޑުމެންގެ އެންމެންގެ ގައުމު މީ، މިގައުމުގައި އަޅުގަނޑުމެން އެންމެންނަށް ތިބެވޭނެ ގޮތް ހައްދަވާ، މިގައުމުގައި އަޅުގަނޑުމެންނަށް ވިޔަފާރި ކޮށްގެން އާމްދަނީ ހޯދައިގެން އެ އާމްދަނީން އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް މިގައުމު ގެންގޮސްދޭންޖެހޭ، ސިޔާސީ ބޭނުމަށް މި ފަތުރާ ފިތުނަތަކުން އަޅުގަނޑުމެން ސަލާމަތްވާންޖެހޭ، ބޮޑުތަނުން ސަލާމަތްވާންޖެހޭ." އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ދިވެހި ގައުމަށް ހިޔާނާތްތެރިވާން ޖާގަ ނުދެވޭނެ ކަމަށާއި އިންޑިއާ އާއި ސްރީލަންކާއާ އަދި ޔޫރަޕާއި ގުޅުން ކަނޑާލަން ޖާގަ ނުދެވޭނެ ކަމަށެވެ. އަދި މި ގައުމު އަފްގާނިސްތާނުގެ "ކަންދަހާރަށް" ހަދަން ވެސް ޖާގަ ނުދެވޭނެ ކަމަށާއި މިދިޔަ ފަސް އަހަރު ރައްޔިތުންނަށް ފެނުނު އަނިޔާވެރިކަމާއި ނާމާންކަމުގެ ތެރެއަށް އަނބުރާ ނުދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންދަންޖެހޭ، ހިނގަމުން މިދާ ހަމަޖެހުމުގައި ދެމިތިބެން އެބަޖެހޭ. އެއީ އުފާވެރި އަމާން ރާއްޖެއަކީ،" އަސްލަމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން