ޒުވާބުކުރަން ވަގުތު ބޭކާރު ނުކޮށް އެންމެން ވެސް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓް ހޯދައިދޭން މަސައްކަތް ކޮށްދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެދިވަޑައިގެންފިއެވެ.

އެކަމަނާ މިކަމަށް އެދިވަޑައިގަތީ ދެ ވަނަ ބުރުގެ ކެމްޕެއިން ކުރެއްވުމުގެ ގޮތުން މާފަންނު ހުޅަނގުގެ ބައެއް ގެތަކަށް ދޮރުން ދޮރަށް ހިންގެވުމަށް ފަހު ކުރެެއްވި ފޭސްބުކް ޕޯސްޓެެއްގައެެވެ. ރައީސްގެ އަނބިކަބަލުން މެޑަމް ފަޒްނާ ވިދާޅުވީ މީހުންނާއި ޒުވާބު ކުރުމުގައި ވަގުތު ބޭކާރު ނުކޮށް، އެންމެން ވެސް ވޯޓު ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ފަޒުނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ކަންތައް ވީ ގޮތާމެދު ދެރަވިޔަސް އެއްވެސް މީހަކު އުއްމީދު ކަނޑާނުލާ ކަމަށެވެ. އެކަމަނާ ޒިޔާރަތް ކުރެެއްވި ގެތަކުން ފެނިވަޑައިގަތީ އެކި ރަށްރަށާއި ރާއްޖެއިން ބޭރަށް ގުޅައިގެން ވެސް މި މަހުުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ރީ-ރަޖިސްޓަރީ ކުރަން ތައްޔާރުވަމުން އަންނަ މަންޒަރު ކަމަށް ފަޒުނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރަމުންދާ ހީލަތްތެރި ދޮގު ވާހަކަތަކުގެ ހަގީގަތް ވެސް މީހުންނަށް އޮޅުންފިލުވައި ދެއްމުންދާ ތަން ގޭގެއަށް ހިންގެވުމުން ފެނިވަޑައިގެންނެވި ކަމަށް ފަޒުނާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރެއް އޮންނާނެތީ، ފުރަތަމަ ބުރުގައި ވޯޓު ލާން ނުދާ ބަޔަކު ވެސް ތިބި ކަމަށެވެ. އަދި "އޮފާ" އަކަށް އައިޑީކާޑު ދޫކޮށްލައިގެން ހުރި މީހަކާ ވެސް ދިމާވި ކަމަށް ފަޒުނާ ވިދާޅުވި އެވެ.

"މީހުނާ ޒުވާބު ކުރުމުގައި ވަގުތު ބޭކާރު ނުކޮށް، އެންމެން ވެސް ވޯޓު ހޯދަން މަސައްކަތް ކުރޭ. މާތްﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެންނަށް އިންތިހާބު ކާމިޔާބު ވާނެ،" ފަޒުނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން