ފޮޓޯ: ފޭސްބުކް
ފޮޓޯ: ފޭސްބުކް
ސީދާ ރައީސުލްޖުމްހޫޜިއްޔާގެ ބެއްލެވުމުގެ ދަށުން މިހާރު ތަރައްގީކުރަމުންދާ އަމީނީމަގުގައި ފެންބޮޑުވުމުގެ ސަބަބުން ބޭނުންކުރާ ހޮޅިން ސަލާމަތްވާން ބޭނުމިއްޔާ ޕީޕީއެމް-ޕީއެންސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ނޫން ގޮތެއް އިޚްތިޔާރުކުރުމަށް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މޫކޭ މި ފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީން ރޭ ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޑރ.މުޢިއްޒުގެ މޭޔަރުކަމުގެ ދަށުން ހިނގާ މާލެ ސިޓީ ކައުންސިލުން އެ ކުންފުނިން އަމީނީ މަގުގެ މަސައްކަތް ކުރަމުންދާތީ އެކަމާއި ދެކޮޅު ހަދަމުން ދާ ކަމަށެވެ.

"އަޅުގަނޑުމެން އަމީނީ މަގު އެ އޮތީ ވަރަށް ޗާލުކޮށް ހަދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ބޮޑުބައެއް ނިންމާފަ. ބައްލަވާ މިހާރު ފެނެއް ބޮޑެއް ނުވާނެ، އަރާމު ވާނެ، އުނަގަނޑެއް ގުޑައެއް ނުލާނެ އިރާދަކުރެއްވިއްޔާ. އެކަމަކު އެ މަގު އަދިވެސް ނުވެސް ނިމޭ، އެ އޮތީ މަގު ހުރަހަށް ހޮޅި އަޅާފަ. އެ ހޮޅިއަކުން ތިބޭފުޅުން ސަލާމަތެއް ނުވާނެ. ހޮޅިން ސަލާމަތްވާން ބޭނުންވެއްޖެއްޔާ މުޢިއްޒު ނޫންގޮތެއް ތިބޭފުޅުން ހޯދަން ޖެހޭނީ." މޫކޭ ފާހަގަކުރެއްވިއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާއަށެއެވެ. އެހެން ނަމަވެސް، ޑރ. މުޢިއްޒު ވިދާޅުވީ މިއީ އެ މަސައްކަތް ސިޓީ ކައުންސިލާއި ސަރުކާރުން ހަވާލުކުރި އަގަށްވުރެ ދެގުނަ ބޮޑު އަދަދެއް ކަމަށެވެ.

އަމީނީ މަގަކީ މާލެ ސިޓީއަށް ވިއްސާރަކޮށްފިއްޔާ ފެންބޮޑުވުމުގެ ސަބަބުން އެމަގު ބޭނުން ކުރުމުގައު އުނދަގޫތައް ކުރިމަތިވާ މަގެކެވެ. މިކަމާއި ބެހޭގޮތުން މޫކޭ އިތުރަށް ވިދާޅުވީ އަމީނީ މަގުގައި ފެންބޮޑުވާ މައްސަލައަށް މިހާރު ޙައްލު ހޯދިފައިވާ ކަމަށެވެ. އަދި އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފެށި މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން