ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ދެއްވި ލިސްޓަކަށް ނިކަމެތި ރައްޔިތުންގެ ސޯޝަލް ފްލެޓުތައް ބަހާލި ބޭފުޅަކު ރައްޔިތުންނަށް އިންސާފުވެރިވާނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނިޔާޒު މިހެން ވިދާޅުވީ، ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ރައީސް ޔާމީންގެ ސަރުކާރުގައި ޑރ. މުޙައްމަދު މުއިއްޒު އަމަލުކުރައްވާފައިވާ ގޮތަށް ފާޑުވިދާޅުވެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި އޮޑިޓަރ ޖެނެރަލް މަގާމުގައި ހުންނަވަނިކޮށް އެމަގާމުން ވަކިކުރެއްވި ނިޔާޒް ވިދާޅުވީ ދައުލަތުގެ އެއްވެސް ހައިސިއްޔަތެއް ނެތް މީހަކު މުޅި ދައުލަތުގެ ނިޒާމު ހަރާބު ކުރަން ފުރުސަތުދީ، އެ މީހާ ބުނި ގޮތަށް ނިކަމެތި ރައްޔިތުންނަށް ނުދީ އޭނާގެ އަރިސް މީހުންނަށް ސޯޝަލް ހައުސިން ޔުނިޓުތައް ބަހާލި މީހަކު ރައްޔިތުންނާ ދޭތެރޭ އަދުލުވެރި އިންސާފުވެރިވާނެ ކަމަށް ގަބޫލް ކުރުމަކީ މޮޔަ ކަމެއް ކަމަށެވެ. އަދި ޕީޕީއެމް ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި ހިޔާ ފްލެޓު މެޑަމް ފާޠުން ދިން ލިސްޓަށް ބަހާލެވުނީތީ ހިތާމަ ކުރާ ކަމަށް މީގެ ކުރިން މުއިއްޒުވެސް ވިދާޅުވެފައިވާކަމަށާއި ހިޔާ ފްލެޓަށް އެތައް ހާސް ބަޔަކު އެދުނު އިރު ގިނަ ފްލެޓުތައް ދިނީ މެޑަމް ފާޠުން ދިން ލިސްޓަކަށް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އަދި ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތައް ރައްޔިތުން ހޭދަ ކުރީ އެ ފްލެޓުތަކަށް އެދުމަށް ހައުސިން މިނިސްޓްރީ ތެރޭގައިކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު މިހެން ވިދާޅުވެފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓް ހޯއްދަވައިގެން މާލޭގެ މޭޔަރު ކަން ވެސް ކުރަށްވާ ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒު މިހާރު ވަނީ އިންތިހާބުގެ ދެވަނަ ބުރަކަށް ވަޑައިގެންފައެވެ.

މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ.މުއިއްޒާއި ވާދަކުރަށްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް އިބްރާހިމް މުޙައްމަދު ސާލިޙެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން