މާދަމާއިން ފެށިގެން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން މަސްގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރަން ނިންމީ އީޔޫއާއި އިނގިރޭސި ވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކަނޑާލަން ނިންމުމާއި ގުޅިގެންނެވެ.

މިރޭ މަސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ސަރުކާރުގެ ކުންފުނި މިފްކޯއިން މަސް ކިލޯއެއް 25 ރުފިޔާއަށް ބޮޑުކޮށްގެން ގަންނާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް ޞާލިޙުގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއިި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އިތުރުން ރައީސް ޞާލިޙުގެ ރަނިންމޭޓް މުޙައްމަދު އަސްލަމް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ މަސްވެރިން ބައިވެރިވިއެވެ.

މިިދިޔަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސް ކިލޯއެއް ވިއްކަމުން ދިޔައީ 17 ރުފިޔާއަށެވެ.

މަސްވެރިން ބާނާ މަހަށް އެކަށޭނަ އަގެއް ހޯދައި ދިނުމަކީ ރައީސް ޞާލިޙުގެ އެއް ވައުދުފުޅެވެ.

ރައީސް ޞާލިޙު މިފަދައިން ނިންމާފައިވާއިރު، މި ހަފްތާ ތެރޭގައި އައްޑޫގައި ބައެއް މަސްވެރިން ވަނީ މަހުގެ އަގާގުޅިގެން އިހުތިޖާޖެއްވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން