ފުލުހުންނާއި ސިފައިންނަކީ ކުޅެން ގެންގުޅުއްވާ ބޯޅައެއް ފަދަ ބަޔަކަށް ނުހައްދަވާ، ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ބޮޑު ކުރަން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެ ވަޑައިގެންފިއެވެ.

އާޓިފިޝަލް ބީޗުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ފުލުހުންނާއި ސިފައިންގެ މުސާރަ މިހާރު ހުރި ވަރަށް ވުރެ ދެގުނައަށް ބޮޑު ކުރައްވާނެ ކަމަށެވެ. ސިފައިންނާއި ފުލުހުންނަކީ ގައުމުގެ ފަހުރު ކަމަށާއި އެމީހުންނަށް ޕީޕީއެމްގެ ވެރިކަމުގައި އަބުރުވެރި ދިރިއުޅުމެއް ހޯއްދަވައިދެއްވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި ފުލުހުންނާއި ސިފައިންގެ މުސާރަ މިހާރު ހުރި ވަރަށް ވުރެ ދެގުނަ ބޮޑުކޮށްދޭނަން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އަދި ހަމައެއާއިއެކު، ގައުމެއްގައި އެންމެ އިސްކަން ދޭންޖެހޭ ފަހުރުވެރި މުއައްސަސާއަކީ ފުލުހުންނާއި ސިފައިން ކަމަށްވުމުން ޕީޕީއެމް ސަރުކާރެއްގައި ފުލުހުންނާއި ސިފައިންނަށް އަޅާލުން އިތުރުވާނެ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"ކުޅޭ ކުޅޭ ބޯޅައެއްހެން ޖަހަން ގެންގުޅޭ ތަނަކަށް މި ދެތަން ހެދުނަ ނުދޭނަން." ޑރ. މުޢިއްޒު ވިދާޅިއެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާ ބަހާލައިގެން ދެއްކޭނެ ލުއިފަސޭހަ އިންތިޒާމްކުރައްވާނެ ކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އެ ފްލެޓްތަކަށް ދައްކަންޖެހޭ އަގު އެއް އަހަރު ދުވަހަށް ލަސްކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން