ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ.

ޖުމުހޫރީ ޕާޓީން އެގޮތަށް ނިންމާފައިވަނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.

މިބައްދަލުވުމުގައި ނިންމެވި ނިންމެވުން ހާމަކުރަށްވައި ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ދެވަނަ ބުރުުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކޮށް "ސައިލެންޓްކޮށް" ތިބުމަށް ނިންމުމާއެކު ޕާޓީ ކުރިއަރުވަން މަސައްކަތް ކުރުމަށް އެޕާޓީގެ ކައުންސިލުން މިއަފު ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކެމްޕޭންގައި ތާއިދު ހޯދުމަށްޓަކައި ދެއްކި ހުރިހާ ވާހަކަތަކެއްގެ އަލީގައި އަޅުގަނޑުމެންނަށް ފެންނަން ހުރި ޑޮކިއުމަންޓްތައް ފެންނަން ހުރިގޮތުންނާއި މިހުރިހާ އެއްޗަކަށް ބަލާއިރު އަޅުގަނޑުމެން ދެއްކި ވާހަކަ އެއީ ތެދު ވާހަކަ ކަން އަޅުގަނޑުމެންނަށް ޔަގީންވާތީއާ އެކީގައި މި ފަހަރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއިދު ނުކޮށް ސައިލެންޓް ކޮށް އަޅުގަނޑުމެން ތިބޭނީ، ތިބެފައި އަޅުގަނޑުމެން މަސައްކަތް ކުރާނީ ޕާޓީ ކުރިއަރުވަން،" ޤާސިމް ވިދާޅުވިއެވެ.

ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރަން ޖުމުހޫރީ ޕާޓީން މިއަދު ނިންމިއިރު ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ކެމްޕޭން ޓީމާއެކު ޖުމްހޫރީ ޕާޓީން ވަނީ މަޝްވަރާތަށް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން މިމަހުގެ 12 ވަނަ ދުވަހު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިން މޭޓް، ހުސައިން މުހައްމަދު ލަތީފް ވަނީ ސަން އައިލެންޑަށް ވަޑައިގެން ގާސިމާ މަޝްވަރާ ކުރައްވާފައެވެ. އޭގެ ފަހުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވެސް ވަނީ ކޯލިޝަން ހެދުމާއި ގުޅޭގޮތުން ދެ ދުވަސް ވަންދެން ގާސިމާއި މަޝްވަރާ ކުރަށްވާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން