ސިފައިންގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމާއި، ސިފައިންގެ ތެރޭގައި ފިތުނަ އުފެއްދުމަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ޑިފެންސް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސި މަގްސަދުތައް ހާސިލުކުރުމަށް ދިވެހި އަސްކަރިއްޔާއާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ބައެއް ފަރާތްތަކުން ފަތުރަމުންދާކަމަށެވެ. އެގޮތުން އުތުރު ތިލަފަޅުގައި ތަރައްގީކުރާ އެމްއެންޑީއެފްގެ އެކަތަ ބަނދަރަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއްކަމަށް ބުނެ ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުންދާކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އުތުރު ތިލަފަޅު ބަނދަރުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ 2013 ވަނަ އަހަރު އޭރުގެ ޑިފެންސް މިނިސްޓަރ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައިކަމަށެވެ. އަދި އޭގެ ފަހުން 2016 ވަނަ އަހަރު ދެ ސަރުކާރު ދެމެދު ގާއިމްކުރި އެއްބާސްވުމެއްގައިވެސް އެ ބަނދަރާއި ގުޅޭ ވާހަކަތައް ހިމަނާފައިވާކަމަށެވެ.

ޑިފެންސް މިނިސްޓްރީން ވިދާޅުވީ ކުރީ ސަރުކާރުން ގާއިމްކޮށްފައިވާ އެއްބަސްވުމަށް މި ސަރުކާރުން ބަދަލު ގެނެސް، އަސްކަރީ މަޝްރޫއުގެ ސްކޯޕް ކުޑަކޮށްފައިވާކަމަށެވެ. އަދި އުތުރު ތިލަފަޅު ބަނދަރުގެ ހުރިހާ ވަސީލަތްތަކަކީވެސް ދިވެހި ސަރުކާރުގެ ބާރު ހިނގާ ތަކެއްޗާއި ވަސީލަތްތަކެއްކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ޑިފެންސް މިނިސްޓްރީން ވިދާޅުވީ ބައެއް ފަރާތްތަކުން ސިޔާސީ މަގްސަދު ހާސިލްކުރުމަށް ސިފައިންނާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ފެތުރުމަކީ އެ މިނިސްޓްރީން ވަރަށް ކަންބޮޑުވާ މައްސަލައެއްކަމަށެވެ. އެހެންކަމުން ސިފައިންގެ ބަދަހި ސަފުތައް ގުޅުވާލުމަށް ހިނގާ ކަންކަން ހުއްޓާލުމަށް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން