ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްލަނޑު ދެ ލަނޑުން މޮޅުވެ މެޗު ކާމިޔާބު ކުރަށްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިރޭ ވިދާޅުވެެއްޖެއެެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގެ ތެރެއިން މިރޭ މާލޭގައި ބޭއްވި ކެމްޕޭން ހަރަކާތެެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ފުޓުބޯޅަ މެޗުގެ ފުރަތަމަ ހާފު ނިމިއްޖެ ކަމަށާއި ފުރަތަމަ ހާފުން މޮޅުވުމަކީ މެޗު ނިމުން ނޫން ކަމަށެވެ. ރައީސް ވިދާޅުވީ މެޗުގެ ހާފު ޓައިމްގައި ޗޭންޖިން ރޫމަށް ވަދެ މެޗު ރަނގަޅަށް ރާވައިލާފައިވާ ކަމަށެވެ.

"ބައެއް ފަހަރު ބައެއް މަގާމުތަކަށް ކުޅޭ މީހުން ބަދަލުވެސް ކޮށްލައިފިން. ބުންވަރު ހުރި މީހުން ދެން ނެރޭނީ. ގޯލަކަށް ފަހު ގޯލެއް އަޅުގަނޑުމެން ޖަހާނީ،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ދެވަނަ ބުރު ކުޅޭނެ ގޮތް އިންތިޒާމްކޮށް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ޓީމު މިހާރު އޮތީ "އެޓޭކް" މޯޑްގައި ކަމަށާއި ދެން ޖަހާނީ ގޯލު ކަމަށެވެ.

"ބައެއް ފަހަރު ފުރަތަމަ ހާފު ނިމޭއިރު 3 ލަނޑު 1 ލަނޑުން 4 ލަނޑު 1 ލަނޑުން ބަލިވޭ، އެއްބަޔަކު މޮޅުވޭ، އަޅުގަނޑުމެން މިއަދު މިތިބީ އެގޮތަށް ބަލާނަމަ 3، 1ގެ ތަފާތަކުން، އިރާދަކުރެއްވިއްޔާ ދެވަނަ ހާފުގައި އަޅުގަނޑުމެން ނިކުމެ އެވަރަށް ހަމަކޮށް އިތުރަށް 2 ލަނޑު ޖަހައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ 5 ލަނޑު 2 ލަނޑުން މި މިމެޗް އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެންމެ އިސްކަމެ ދީގެން ކުރަން ޖެހޭ ކަމަކީ ވޯޓުލުމަށް ރީރެޖިސްޓްރީ ކުރުން ކަމަށެވެ. އަދި އެއަށްފަހު އެމްޑީޕީގެ ޓީމުތަކުން ގޭގެއަށް ޒިޔާރަތްކޮށް އެ ޕާޓީއަށް ވޯޓު ދޭން ޖެހޭ ސަބަބުތައް ބަޔާންކޮށްދިނުމަށް ރައީސް ވަނީ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރުގައި ރައީސް ސާލިހާއި ވާދަކުރަށްވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން