އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެނަމަ ގައުމުގެ ތަރައްގީ ހުއްޓި، އަމާންކަން ގެއްލިގެންދާނެކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އެމްޑީޕީ އިސްވެ އޮވެ ހިންގާ މިވެރިކަމުގެ 5 އަހަރު ތެރޭގައި ރައްޔިތުންނަށް ލިބިފައިވާ ކުރިއެރުމާއި ތަރައްގީ ފެންނަމުންދާކަމަށެވެ. އަދި ސަރުކާރުން ގެނައި ތަރައްގީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފޯރާފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެމްޑީޕީ ރާއްޖެއަށް ގެނައި ތަރައްގީ އާއި ކުރިއެރުން ދޫކޮށްލައިފިނަމަ އެއީ ގައުމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްކަމަށް އިސްލާހީ މަސައްކަތްތަކުގައި މީގެ އެތައް އަހަރެއް ކުރިން އުޅުނު މީހުންވެސް ގަބޫލުކުރާކަމަށެވެ.

"އަޅުގަނޑުމެން މިގައުމު ހަރާބުގެ ތެރެއަށް ދޫކޮށެއް ނުލާނަން. ހުރިހާ ލީޑަރުން ޖަލަށްލައި އަނިޔާވެރިވާކަށް ފުރުސަތެއް ނުލިބޭނެ." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެނަމަ ވެރިކަން ކުރާނީ ކާކުކަންވެސް ނޭނގޭކަމަށެވެ. އަދި ވެރިކަން ލިބިއްޖެނަމަ ޖަލަށް ލައި، އަނިޔާ ދޭނެ މީހުންގެ ލިސްޓުތަައްވެސް ހަދައިގެން އެބައުޅޭކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ކުރިއަށް މިއޮތް ދުވަސްތަކުގައި އެއް ބޭފުޅެއްގެ ކިބައިން އަނެއް ބޭފުޅަކު ހިތްވަރު ލިބިގަނެގެން މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއެކު މި އިންތިހާބު ކާމިޔާބު ކުރެވޭނެކަމަށްވެސް އިމްރާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން