ރައީސުލްޖުމްހޫރިއްޔާ އބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ބަދަލުވެ އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ރާއްޖޭގެ ވެރިކަން ލިބުމަކީ ރާއްޖޭގެ ޓުއަރިޒަމް ދައިރާ އަނދިރި އަނދަވަޅަކަށް ވެއްޓިދާނެކަމެއްކަމަށާ، އެއީ މިދާއިރާގެ މުވައްޒަފުންނަށް އެފޯޑްކުރެވޭ ވަރުގެ ކަމަކަށް ނުވާނެކަމަށް، ޓުއަރިޒަމް އެމްޕްލޯއިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ސެކްރެޓަރީ ޖެނަރަލް މަޢުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް އެމްޕްލޯއިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ނިންމާފައިވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެޖަމްޢިއްޔާއިން ތާޢީދުކުރާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކަމަށެވެ. އެގޮތަށް އެޖަމްޢިއްޔާއިން ނިންމި ސަބަބުތައް މައުރޫފްވަނީ ރައްޖެޓީވީގައި ހާމަކުރައްވައި ވަރަށް ތަފްސީލްކޮށް ވާހަކަފުޅުދައްކަވާފައެވެ. އޭނާ ވިދާޅުވީ މި ވޭތުވެދިޔަ ދުވަސްތަކަށް ބަލާއިރު ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ރަނގަޅުކަމެއްކޮށްފައި އޮތީ އެމްޑީޕީގެ ސަރުކާރުންކަމަށެވެ. މިހާތަނަށްވެސް މިދާއިރާގެ މުވައްޒަފުންގެ މެޖޯރިޓީ ވޯޓު ކޮންމެ އިންތިޚާބެެއްގައިވެސް އެމްޑީޕީކޮޅަށް ބުރަވާ ސަބަބަކީ އެއީކަމަށް މައުރޫފް ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ސަރުކާރުން މިދާއިރާގެ މުވައްޒަފުންގެ ކުރިއެރުމާއި ތަރައްޤީއަށް ކުރައްވާފައިވާ މުހިންމު މަސައްކަތްޕުޅުތަކުގެ މައްޗަށް އޭނާވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިނިމަމްވޭޖު ކަނޑައެޅިގެން ދިއުމަކީ އެތައް އަހަރެއްވަންދެން މިދާއިރާގެ މުވައްޒަފުިން އެދިއެދިތިބި ކަމެއް ޙައްލުވެގެން ދިއުންކަމަށް އޭނާ ވިދާޅުވިއެވެ. މިނިމަމްވޭޖާއެކު އޭރު 300 ޑޮލަރުގެ ހުރި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ އެވްރެޖު މުސާރަ 419 ޑޮލަރާހަމައަށް ބަދަލުވެގެން ދިޔަ ދިއުމަކީ އާދަޔާ ޚިލާފު ވަރަށްބޮޑު ބަދަލެއްކަމަށް އޭނާވިދާޅުވިއެވެ. އެއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ދަށުން އެޅުއްވި ފިޔަވަޅެއްކަމަށާ، އެންމެ މުހިންމުކަމަކީ އެފަދަ ސިޔާސަތެއް ކަނޑައެޅުއްވުމުގެ އިތުރުން އެކަން ޢަމަލީގޮތުން ތަންފީޒުވެގެން ދިއުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެން ކޮންމެ ސަރުކާރެއް އަޔަސް މި ސިޔާސަތު އުވާލުމަކީ ނުވަތަ ފަހަތަށް ޖެއްސުމަކީ ކުރެވޭނެކަމެއް ނޫންކަމަށާ، އެއީ އުނދަގޫކަމަކަށްވާނެކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންކަމުން ދެން އޮންނާނީ މިއަށް އެއްދުވަހުން އަނެއްދުވަހަށް ހެޔޮ ބަދަލުތައް އައުންކަމަށާ، މިއީ ރާއްޖޭގެ މުޅި މަސައްކަތްތެރިންގެ ޙަޔާތުގައި އައި ވަރަށް މުހިންމު ހެޔޮ ބަދަލެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ސަރުކާރުން މި މުހިންމު ފިޔަވަޅު އެޅުއްވީ އިޤްތިޞާދީ ބޮޑު ކާރިޘާއްގެތެރޭގައި ރާއްޖެއާއި މުޅި ދުނިޔެވެސް އޮއްވައިކަމަށާ، މިއީ ވަރަށް ޤާބިލް ހަރުދަނާ ލީޑަރަކަށް ނޫނީ ކުރެވޭނެކަމެއް ނޫންކަމަށް މަޢުރޫފް ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައި މިނިވަން ވޭޖު ނައިނަމަ، މިދާއިރާގެ މުސާރައަށް އަދިވެސް ހެޔޮބަދަލެއް ނާންނާނެކަމަށާ، މިކަން ޓުއަރިޒަމް ދާއިރާގެ މުވައްޒަފުން ދަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައިވެސް މިނިވަން ވޭޖާއި މުސާރައިގެ މައްސަލާގައި ޓުއަރިޒަމް އެމްޕްލޯއިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ފަރާތުން ސަރުކާރުގެ ކަމާގުޅޭ އިސްބޭފުޅުންނާ ބައްދަލުކުރަން ދިޔަކަމަށާ، އެހެންނަމަވެސް އޭރު ރައީސް އޮފީހުން ޓީމަށް އެންގެވީ މިމައްސަލާގައި ރައިސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމާ ބައްދަލުކުރެއްވުމަށް ކަމަށް މަޢުރޫފް ވިދާޅުވިއެވެ. ސަރުކާރުގެ އެއްވެސް ހައިސިއްޔަތެއް ނެތް އަދި މަޤާމެއްގައިވެސް ނެތް ބޭފުޅަކާ މިކަމުގައި ބައްދަލުކުރަންޖެހެނީ ކޮން ސަބަބަކާހެދިތޯ މައުރޫފް ސުވާލު އުފެއްދެވިއެވެ.

މަސައްކަތްތެރިންގެ ހައްޤުގެ ވާހަކައަކީ ޕީޕީއެމް/ޕީއެންސީއާ ވަރަށް ބީރައްޓެހި ވާހަކައެއްކަމަށާ، އެމީހުންގެ ވެރިކަމެއްގައި އެކަންނުވާނެކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން