ފޮޓޯ: ސަންގު ނިއުސް
ފޮޓޯ: ސަންގު ނިއުސް
ގިނަ ބަޔަކު ދެވަަނަ ބުރުގައި ވޯޓް ލާން ރީ-ރަޖިސްޓްރީ ކުުރުމަކީ އިދިކޮޅުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމުގައި އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް؛ އަނަސް ޢަބްދުލް ސައްތާރް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ބަޔަކު ދެވަަނަ ބުރުގައި ވޯޓް ލާން ރީ-ރަޖިސްޓްރީ ކޮށްގެން އެމީހެއްގެ ވޯޓްލުމުގެ ޙައްޤުގެ ބޭނުން ހިފުމަށް މަސައްކަތްކުރުމަކީ ކަންބޮޑުވުމުގެ ބަދަލުގައި އުފާ ކުރައްވަންވީ ކަމެއް ކަމަށެވެ. އަދި އެއީ ހިތްވަރު ދޭންވީ ކަމެއް ކަމަށް އޭނާގެ ޓްވީޓްގައި ވެއެވެ.

"ވީހާވެސް ގިނަ ރައްޔިތުން، އެ ރައްޔިތުންގެ ވޯޓް ދިނުމުގެ ޙައްޤުގެ ބޭނުން ހިފަން އުޅުމަކީ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން. އެއީ ހިތްވަރުދީ، އެ ޙައްޤުގެ ބޭނުން ހިފާތީ އުފާ ކުރަންވީ ވަރުގެ ކަމެއް!" އަނަސް ކުރެއްވި ޓްވީޓްގައި ވެއެވެ.

އަނަސް މިފަދައިން ވިދާޅުވެފައިވަނީ ދެ ދުވަސް ތެރޭގައި 25،000 މީހުން ރީ-ރަޖިސްޓްރީ ކުރުމުން އެއީ ގަބޫލުކުރަން ދަތި ކަމެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނިކޮށެވެ. އަދި އެ ޕާޓީގެ ގިނަ ބަޔަކު ދަނީ މިކަމަކީ އިންތިހާބު ވަގަށް ނަގަން ކުރަމުންދާ މަސައްކަތެއް ކަމަށް ބުނަމުންނެވެ.

ރީ-ރަޖިސްޓްރީ ވުމުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާ މެސެޖް ރަޖިސްޓްރީ ކުރަން ހުށަނާޅާ މީހުންގެ ފޯނުތަކަށް އަންނަ ކަމަށް ބުނެ މީސް މީޑިއާގައި ބައެއް މީހުން މިއަދު ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން ޕީޕީއެމް ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވި އެކްޓިންގ ލީޑަރ އަބްދުއްރަޙީމް އަބްދުالله (އަދުރޭ) ވިދާޅުވީ މިއަދު ހެނދުނު އީސީއަށް ވަޑައިގެން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދުރޭ ވިދާޅުވީ އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި ދެދުވަހުގެ ތެރޭގައި އެހާގިނަ ޢަދަދެއްގެ މީހުން ރީރެޖިސްޓަރ ކުރުމަށް ހުށައަޅާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ރީރަޖިސްޓްރޭޝަނަށް ފޯމު ހުށައެޅުމުން އެމީހަކަށް ގުޅައިގެންވެސް އެކަން ކަށަވަރު ކުރާނެ ކަމަށެވެ.

އެ ކޮމިޝަނުން ޢާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފުރަތަމަ ބުރުގައި ވޯޓް ލާފައިވަނީ ވޯޓް ލުމުގެ ޙައްގު ލިބިގެންވާ މީހުންގެ އާބާދީގެ 75 އިންސައްތަ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން