ފޮޓޯ: ދެން.އެމްވީ
ފޮޓޯ: ދެން.އެމްވީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަހުމަދު އައްޔަންކުރަށްވައިފިއެވެ.

އަޒްލީން މި މަގާމަށް އައްޔަންކުރީ އެ މަގާމް ފުރަމުން ގެންދެވި ޢަލީ އާރިފް މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޢަލީ އާރިފް މުވައްޒަފުން ގާތުގައި އިސްތިއުފާ ދެއްވަން ބޭނުންވާ ކަމުގެ ވާޙަކަތައް ދެއްކެވުމުން ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް އެ ވާހަކަތައް އަޑުއިވިވަޑައިގަތުމުން އޭނާ ވަނީ މަގާމުން ވަކިކުރައްވާފަވެއެވެ. އަލީ އާރިފް މުވައްޒަފުން ގާތުގައި އިސްތިއުފާ ދެއްވަން ބޭނުންވާ ކަމުގެ ވާހަކަ ދައްކާފައިވަނީ އިއްޔެ ޖޭޕީން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަށްފަހުގައި ކަަމަށް ވެއެވެ.

"އެސްޖީ ޢަލީ އާރިފް އިސްތިއުފާ ދެއްވާނެ ކަމަށް ރޭގެ ވަގުތެއްގަައި މުވައްޒަފުން އެއްކޮށްގެން ވިދާޅުވުމާ ގުޅިގެން އަޅުގަނޑު ނިންމައިފިން އަޒްލީނަށް އެސްޖީގެ މަގާމް ހަމަޖެއްސުމަށް. ޑރ. އަމީނަށްވެސް ދަންނަވައިފިން މިކަން މިގޮތަށް ގެންގޮސް ދެއްވުމަށް." ގާސިމް ފޮނުއްވި މެސެޖެއްގައި ވެއެވެ.

އަދި އޮފީހަށް ވަޑައިގެން ޢަލީ އާރިފް އަރިހުން ހުރިހާ މަސައްކަތަކާއި ހަވާލުވެވަޑައިގަތުމަށްވެސް ގާސިމްގެ މެސެޖްގައި އަޒްލީނަށް އިރުޝާދު ދެއްވާފައިވެއެވެ.

އިއްޔެ ބޭއްވި ކައުންސިލު ބައްދަލުވުމުގައި ޖޭޕީން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކާއި ނުގުޅެން ނިންމާފައެވެ.

ޢަލީ އާރިފަކީ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއާއި އާއިލީ ގޮތުން ތިމާގެ ބޭފުޅެކެވެ.

އަޒްލީނަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ދައުރުގައި ހޯމް މިނިސްޓަރުގެ މަގާމާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން