ފުރަތަމަ ބުރުގައި ގިނަ ބަޔަކު ރީރެޖިސްޓާ ނުކުރީ ރައީސް ޞާލިޙު އެއްބުރުން ހޮވިވަޑައިގަންނަވާނެ ކަމަށް ވިސްނައިގެން ކަމަށް ރައްޔިތުންގެ މަޖްލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިފަދައިން ވިދާޅުވީ ދެދުވަހުގެ ތެރޭގައި ދެވަނަ ބުރުގައި ރީރަޖިސްޓްރީ ކުރުމަށް 25 ހާހަށްވުރެ ގިނަ މީހުން ހުށައަޅާފައިވަތީ އެކަމުގައި ޝައްކުތަކެއް އުފައްދަވައި ރައްޔިތުން މަޖްލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވުމުންނެވެ.

ރޮޒެއިނާ ވިދާޅުވީ ފުރަތަމަ ބުރުގައި ގިނަ މީޙުން ވޯޓުނުލީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެއްބުރުން ހޮވިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އަދި މިކަމުގައި ހައިރާން ވާން ޖެހިވަޑައިގަންނަވާ ކަމެއް ނެތް ކަމުގައި ރޮޒެއިނާ ވިދާޅުވިއެވެ.

"ހަގީގަތުގައި އެހާ ހައިރާންވާން ޖެހޭ ކަމެއްތަ؟ މީހުން ރަޖިސްޓަރވާން އަޅާނުލީ އެމީހުން ގަބޫލުކުރީ އިބޫއަށް އެއްބުރުން ކާމިޔާބު ވާނެ ކަމަށް. އެކަމަކު މިހާރު އެމީހުން ބިރުގަތީ މިގައުމު އަނބުރާ އަނިޔާވެރިންގެ ވެރިކަމަށް ވެއްޓިދާނެތީ. މިކަމާއި (އީވާއަށް) ފަރަގެއް ނުވާތީ އަޅުގަނޑު ހައިރާންވޭ!" ރޮޒެއިނާގެ ޓްވީޓްގައިވެއެވެ.



ރޮޒޭނާ ވިދާޅުވިގޮތުގައި މީހުން ކުޑަމިނުން ރަނގަޅު ފޮށްޓަށް ރަޖިސްޓްރީވެފައި ހުރިތޯވެސް ކުރިން ބަލާނުލާ ކަމަށެވެ. އަދި ފުރަތަމަ ބުރުގައި އެހާ މަދު މީހުން ވޯޓްލުމުން، ދެވަނަ ބުރުގައި އެހާ ގިނަ މީހުން ވޯޓްލާން ރީރަޖިސްޓަރވުމަކީ ސުވާލު އުފެދެންވީ ކަމެއް ނޫން ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"އެއްވެސް މީހަކު ބޭނުމެއް ނޫން ސަލަފާއި ގޭންގުތަކަށް ރިޔާސަތު ލިބޭކަށް. އެހެންވީމަ އެމީހުން ނުކުމެ، ރީރެޖިސްޓްރީކޮށް އެމްޑީޕީއަށް ވޯޓުލާނެ." ރޮޒެއިނާގެ ވިދާޅުވެފައި ވެއެވެ.



ދެ ދުވަސް ތެރޭގައި 25،000އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކުރުމުން އެއީ ގަބޫލުކުރަން ދަތި ކަމެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުވެސް ވިދާޅުވެފައި ވެއެވެ. އަދި އެ ޕާޓީގެ ގިނަ ބަޔަކު ދަނީ މިކަމަކީ އިންތިހާބު ވަގަށް ނަގަން ކުރަމުންދާ މަސައްކަތެއް ކަމަށް ބުނަމުންނެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ރީރަޖިސްޓްރޭޝަނަށް ފޯމު ހުށައެޅުމުން އެމީހަކަށް ގުޅައިގެންވެސް އެކަން ކަށަވަރު ކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން