ރާއްޖޭގައި ހިންގާނެ ވެރިކަމުގެ ނިޒާމެއް ބެލުމަށްޓަކައި ރައްޔިތުންގެ މެދުގައި ނިޒާމީ ވޯޓެއް ނަގަން ނަގަންޏާ އެކަމަށް ތައްޔާރުވުމަށް މަދުވެގެން މަހެއްހާ ދުވަސް ނަގާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ޑިމޮކްޜެޓްސްގެ ފަރާތުން އެމްޑީޕީއާއި ޕީޕީއެމްއަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެކަމަށް ތާއީދުކޮށް އެއްވެސް ބަޔަކު މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވަގުތު ކުޑަ ތަންވެފައިވާއިރު، މިއޮތް މުއްދަތުގެ ތެރޭގައި ނިޒާމީ ވޯޓެއް ނެގުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ވިދާޅުވީ، އިންތިޚާބެއް ބޭއްވުމަކީ ބޮޑު މަސައްކަތެއްކަމަށާއި، އެކަމަށް ވަގުތު ބޭނުންވާކަމަށެވެ.

ހަބީބް ވިދާޅުވީ މިހާތަނަށް އައިއިރު ނިޒާމީ ވޯޓެއް ނަގަން ހުށަހަޅާފައިނުވާކަމަށާއި، އޭނާގެ ތަޖުރިބާއަށް ބަލާއިރު ވެރިކަމުގެ ނިޒާމާއި މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަދުވެގެން 30 ދުވަހުގެ މުއްދަތެއް ބޭނުންވާނެކަމަށެވެ. އެގޮތުން ވޯޓު ކަރުދާސް ޗާޕުކޮށް، ވޯޓާސް ލިސްޓް އެކުލަވާލައި، އެކަމަށް ޝަކުވާ ހުށަހެޅުމަށް މުއްދަތުތަނެއް ނަގާނެކަން ހަބީބް ވިދާޅުވިއެވެ.

"މިއީ ކޮމިޝަންގެ ނިންމުމެއް ނޫން އެއީ އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން ދަންނަވާ އެއްޗެއް،" ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިތުރު އިންތިހާބެއް ބާއްވާނަމަ އެކަމަށް މަދުވެގެން 50 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާނެކަމަށެވެ. އަދި އެފަދަ ވޯޓަކަށް މީހުން ހޭލުންތެރިކަން އިތުރުކުރަންޖެހޭކަމަށްވެސް ހަބީބް ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން