ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރިނަމަވެސް ޖުމްހޫރީ ޕާޓީގެ މެމްބަރުން ބޭނުންވާ ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ހައްޤު ޕާޓީގެ މެމްބަރުންނަށް އޮންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ޕީޕީއެމްއާއި އެމްޑީޕީންވެސް ވަނީ ކޯލިޝަން ހެދުމުގެ ދައުވަތު ޖުމްހޫރީ ޕާޓީއަށް ދީފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން އިއްޔެ ނިންމީ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.

ޖުމްހޫރީ ޕާޓީން ތާޢީދު ނުކުރިނަމަވެސް، ޕާޓީގެ މެމްބަރުން ދަނީ އެ މެމްބަރުންގެ ތާއީދު އޮތްގޮތް ހާމަކުރަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމީ ވޭތުވިތަނުގައި ކޯލިޝަން ހަދައިގެން 3 ފަހަރުމަތީންވެސް ލިބުނު ހިތި ނަތީއްޖާއަށް ބެލުމަށްފަހު ކަމަށެވެ.



"16 ސެޕްޓެމްބަރ 2023 ވަނަ ދުވަހު މެންދުރުފަހު ބޭއްވި ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، ހިނގަމުން މިދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ތާއީދު ކުރާނީ ކޮންކެންޑިޑޭޓަކަށް ކަން ކަނޑައެޅުމާއި، ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކޮށް ނިއުޓްރަލްކޮށް ތިބުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތުން އަޅުގަނޑާއި މަތިކުރުމުން، އަޅުގަނޑު ނިންމާފައިވާނީ ވޭތުވިތަނުގައި ކޯލިޝަން ހަދައިގެން 3 ފަހަރުމަތީންވެސް ލިބުނު ހިތި ނަތީއްޖާއަށް ބެލުމަށްފަހު، މި އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މި ނިންމުމުގެ ސަބަބުން މެންބަރުންގެ ހައްޤަކަށް އުނިކަމެއް އަތުވެދާނެކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ، ޕާޓީގެ ނަން ބޭނުން ނުކޮށް އެމެންބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމާ، ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން