ކުރީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ދޮގުކުރަށްވައިފިއެވެ.

2005 ވަނަ އަހަރު އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވި، އެ ޕާޓީގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހުއެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހު، ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދައި، ރާއްޖޭގައި 3 ވަނައަށް އެންމެ ބޮޑު ތާއީދެއް އޮތީ އެ ޕާޓީއަށްކަން މިދިޔަ ރިޔާސީ އިންތިހާބުގައި ދައްކައިދީފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ތާއީދު ހޯއްދެވުމަށް އެމްޑީޕީއާއި ޕީޕީއެމުން ވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް އެއްވެސް ބަޔަކާއެކު އެއްބަސްވުމަކާއި ހަމައަށް އާދެވިފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕާޓީތަކުން ތައްޔާރުވަމުންދާއިރު، ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅުނުކަމަށް ބުނެ ބައެއް ވާހަކަތައް ވަނީ ފެތުރިފައެވެ. އެ ވާހަކަތައް ފެތުރުމުން ރައީސް ނަޝީދު ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކަމަށް ބުނެ ދެކެވޭ ވާހަކަތަަކަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ.



ރައީސް ނަޝީދުގެ ތާއީދު ހޯއްދެވުމަށް އެމްޑީޕީން ދަނީ ވަަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ރައީސް ނަޝީދުގެ އަރިސް ބޭފުޅުންނާއި ސަޕޯޓަރުން ބުނަމުންދަނީ ރައީސް ނަޝީދުގެ ތާއީދެއް އެމްޑީޕީއަށް ދެން ނުލިބޭނެކަމަށެވެ.

ރައީސް ނަޝީދުގެ ތާއީދު ބޭނުންވާނަމަ އެމްޑީޕީއަށް އޮތީ ވަރަށް އުނދަގޫ މަސައްކަތެކެވެ. އެއީ މިމަހު 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުމެވެ. އެމްޑީޕީން އެކަން ކުރަން ބޭނުންވިނަމަވެސް އެ މަސައްކަތަށް ބަލާއިރު އެއީ މުސްތަހީލްކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން