ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުމާއި ދޭތެރޭ މިއޮތް މުއްދަތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު "ދޮރުން ދޮރަށް" ހިންގެވުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ މިންވަރު އިތުރުވެގެންދާނެކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ހާމަކޮށްފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން މިމަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހަރަކާތްތަކަށް ބަލާލާއިރު، އެމަނިކުފާނު މިހާރު ގިނަ ވަގުތު ހޭދަކުރައްވަނީ ޑޯޓުޑޯ ނުވަތަ ގޭގެއަށް ޒިޔާރަތް ކުރަށްވައި އާއްމުންނާއި ބައްދަލުކުރެއްވުމުގައެވެ. އެގޮތުން މިއަދު އެމަނިކުފާނު އުޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ ގޭގެ އަށް ވަޑައިގެން ކެމްޕެއިން ކުރެއްވުމުގައެވެ.



ރައީސް ސާލިހުގެ ކެމްޕެއިންަގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވީ މީގެ ފަހުން ކޮންމެ ދުވަހެއްގެ ހަވީރު މާލޭގައި އެ މަނިކުފާނު ދޮރުންދޮރަށް ހިންގަވާނެކަމަށެވެ.

ރައީސް ސާލިހުގެ އިތުުރުން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް "ދޮރުން ދޮރަށް" ހިންގެވުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ މިންވަރު ވަނީ އިތުރުކުރައްވާފައެވެ. އެގޮތުން މިއަދު އެކަމަނާ ވަނީ ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެން ކެމްޕެއިންގައި ހަރަކާތްތެރިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން