ހިޔާ ފުލެޓް ސަރަހައްދުން މިއަދު ފެނިގެންދިޔައީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމެއްގައި ރާއްޖެ އޮންނާނެ ގޮތުގެ މަލަމަތި ކަމަށް ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެެވެ.

މާރިޔާ މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯއްދަވަން މިއަދު ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދަށް އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަޑައިގަތުމުން ބަޔަކު ނިކުމެ އެކަމަނާ އާއި ދެކޮޅަށް އަޑު އުފުލުމާއި ގުޅިގެންނެެވެ.

އެކަމަށް އިޝާރަތް ކުރަށްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ހިޔާ ސަރަހައްދުން ފެނުނީ މުއިއްޒުގެ ވެރިކަމުގައި ރާއްޖެ އޮންނާނެ ގޮތުގެ މަލަމަތި ކަމަށެވެ. އެގޮތުން އެމްޑީޕީން ހިޔާ ފުލެޓް ސަރަހައްދަށް ކެމްޕޭނަށް ދިޔުމުން އިދިކޮޅު ފަރާތްތަކުން ކަންތަށް ކުރާ ގޮތް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.



"މިނިވަންކަމާއެކު ކެމްޕޭން ކުރުމަކީ އެމްޑީޕީން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ހޯދި ހައްގެއް،" މާރިޔާ ވިދާޅުވިއެެވެ.

މާރިޔާގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ފަސްޓްލޭޑީ ފަޒްނާއަށް ހިޔާ ފުލެޓް ސަރަަހައްދުން ބަޔަކު ފުރައްސާރަކުރި ކުރުން ވަނީ ކުށްވެރި ކުރަށްވާފައެވެ.

މަހުލޫފް ވިދާޅުވީ، ހިޔާ ފްލެޓް ސަރަހައްދަކީ ވަކި ބައެއްގެ ބާރު ހިނގާ ސަރަހައްދެއް ނޫން ކަމަށާއި ކޮންމެ ރައްޔިތަކަށް މިނިވަންކަމާއެކު ކެމްޕެއިން ކުރެވޭނެ ކަމަށެވެ. ފަސްޓް ލޭޑީ އަށް ހުރަސް އަޅައި ހަމަލާދޭން އުޅުނު ކަމަށާއި އެއީ ފިނޑި އަމަލެއް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

ހިޔާ ފުލެޓް ސަރަހައްދުގައި ހިނގި ކަންކަމާއި ގުޅިގެން ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިރޭ ވިދާޅުވީ އިދިކޮޅު ސަޕޯޓަރުން ހިންގި ހުތުރު އަމަލުގެ ސަބަބުން އެމްޑީޕީއަށް ވީ ފައިދާ ކަމަށެވެ. އަދި ޖެހިލުންވެ ވަޑައިގެން ނުގެން ކެމްޕޭނުގައި ސާބިތުކަމާއެކު ހުންނަވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ

ފުލުހުންގެ ޚިދުމަތުން ބުނީ ހިޔާ ފުލެޓް ސަރަހައްދުގައި ހިނގި ކަންކަމާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމަށެވެ. އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުގެ ތުހުމަތުގައި ކަމަށާއި އެކަމަކު، އެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން