އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ކެމްޕެއިން ހަރަކާތެއްގައި ހިޔާ ފްލެޓް ސަރަހައްދަށް ވަޛައިގަތުމުން، އެކަަމަނާގެ ކެމްޕެއިން ހަރަކާތަށް ބަޔަކު ހުރަސް އެޅި އެޅުމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެކަމަނާގެ ފިރިކަލުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ހޯއްދަވަން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތަކަށް ޒިޔާރަތްކުރެއްވުމުން ބަޔަކު މީހުން ހިތްހަމަނުޖެހުން ފާޅުކޮށް، ބޭއަދަބީ ބަސްތަކުން ވަނީ އެކަމަނާއާ މުހާތަބްކޮށްފައެވެ.

ފަޒްނާގެ ކެމްޕެއިން ހަރަކާތަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާކަމަށް ބެލެވޭ ބަޔަކު ހުރަސް އެޅުމާއި ގުޅިގެން ސަރުކާރަށް ތާއީދުކުރާ މީހުންނާއި އެހެން ބައެއް ފަރާތްތަކުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުއްވެރިކުރަމުންނެވެ.

ށ. ފުނަދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އެކަމަށް ނުސީދާކޮށް އިޝާރަތްކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.

މުއިއްޒު ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ މީހުންނަށްވެސް އިހްތިރާމު ކުރަން ޖެހޭނެ ކަމަށެވެ. އަދި ވާދަވެރި ސިޔާސީ ފަރާތްތަކުން ކުރާ ކަންކަމަށް ރައްދު ދިނުމުގެ ގޮތުން ދަށު ދަރަޖައިގެ ކަންކަން، އަމަލުތައް ނުހިންގެވުމަށްވެސް މުއިއްޒު އެދިވަޑައިގެންނެވިއެވެ.

މުއިއްޒު ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭއިރު ހިތްހަމަނުޖެހޭ ކަންކަން ދިމާވާނެ ކަމަށާއި ނަމަވެސް އެކަންކަމަށް ރައްދުދޭއިރު އަމަލާއި ބަހުން ރީތި މިސާލު ދައްކާ ބަޔަކަށްވާންޖެހޭނެ ކަމަށެވެ.

"ސިޔާސީ ވާދަވެރިޔާ އަށް ރައްދު ދިނުމުގެ ގޮތުން އެ ފަރާތުން ވެއްޓުނު ދަރަޖައަށް ވެއްޓިގެން ނުވާނެ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ދިވެހިންގެ ތެރޭގައި އޮތް އެކަކު އަނެއްކަކަށް އިހްތިރާމް ކުރުމުގެ ރީތި ސިފަތައް މިހާރު ނެތިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކަންކަން މުޖްތަމައުޢަށް އަނބުރާ ގެންނަންޖެހޭކަމަށާއި އެހެން ނޫނީ މުޖުތަމައަށް ހަމަނޭވާއެއް ނުލެވޭނެކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ރީތި އާދަތައް ދަސްކޮށްދެއްވާނެ ކަމަށާއި އަދި ގައުމިއްޔަތާއި އަހުލާގު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިވެސްދޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން