ރައްޔިތުންގެ މަޖްލީހުގެ ޖަލްސާއަށް ވަޑައިނުގަނެ ތިއްބެވީ އިދިކޮޅުގެ ކެމްޕެއިން ޖަގަހައަކަށް ބަދަލުކޮށްފައިވާތީ ކަމަށް ރައްޔިތުންގެ މަޖްލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖްލީސް ވަނީ އިދިކޮޅުގެ ކެމްޕެއިން ޖަގަހައަކަށް ބަދަލުކޮށްފައި ކަމަށެވެ. ޝަރީފް ވިދާޅުވީ އިދިކޮޅުން ހުށަހަޅާ ގަރާރުތަކާއިގެން ކުރިއަށް ގެންދާއިރުގައި ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބަހުސްތައް އެއްފަރާތްކޮށްފައިވާ ކަމަށެވެ. އަދި އެކަންކަމާއި ބަހުސް ނުކުރެވޭތީ ޖަލްސާއަށް ވަޑައިގަންނަވަން އުޒުރުވެރިވީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަޖްލީސް ފްލޯރއަށް ނުވަދެ މިތިބީ މަޖްލީސް އިދިކޮޅު ކެމްޕެއިން ޖަގަހައަކަށް ބަދަލުކޮށްފައި ވާތީ. ސަރުކާރުން ހުށަހަޅާފައިވާ މުހިންމު މައްސަލަތައް ބަހައްޓާފައި އިދިކޮޅުން ގަރާރު ހުށަހަޅައިގެން ކެމްޕެއިން ބަހުސް ކުރަނީ. އަޅުގަނޑުމެންނަށް ފުރުޞަތެއް ނުދޭ" ޝަރީފް ކުރެއްވި ޓްވީޓްގައި މިފަދައިން ބަޔާންކޮށްފަވެއެވެ.

މިއަދުގެ ޖަލްސާ ވެސް ފަށަން އޮތީ ހެނދުނު 9:00 ގަ އެވެ. ޖަލްސާއެއް ފަށަން ހަމަވާން ޖެހޭ ކޯރަމް ކަމަށްވާ 22 މެމްބަރުން އޭރު ތަޅުމުގައި ނެތުމުން މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރުން ތަޅުމަށް ވަޑައިނުގެންނެވި ނަމަވެސް ގޯތިތެރޭގައި، ކުޑަދަށުގައި މެމްބަރުން އެބަ ތިއްބެވި ކަމަށެވެ. އެމްޑީޕީނޫން ޕާޓީތަކުގެ ގިނަ މެމްބަރުން ވެސް މިއަދު ޖަލްސާއަށް ވަޑައިނުގަންނަވާ ކަމަށް ފާހަގަކުރެވެއެވެ.

11 ޖަހާއިރަށް މަޖްލީސް އަލުން ފަށަން ހަމަޖެއްސެވި ނަމަވެސް، ޖަލްސާއަށް ކޯރަމް ހަމަނުވުމުގެ ސަބަބުން ރިޔާސަތުން ވަނީ އަލުން މެންދުރު އެކެއް ޖަހާއިރު ޖަލްސާ ފެއްޓެވުމަށް ނިންމަވާފައެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައިވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ މެންބަރުން ހުށަހަޅާފައިވާ މައްސަލަތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން