ފޮޓޯ: ޕީޕީއެމް
ފޮޓޯ: ޕީޕީއެމް
ބަންޑާރަ ގޯއްޗާއި ފްލެޓް ދޭއިރު މާލޭ މީހުންނަށް އެމީހެއްގެ ނަމުގައި 600 އަކަފޫޓުގެ ނުވަތަ އެއަށް ވުރެ ކުޑަ އަމިއްލަ ބިމެއް އޮތިއްޔާ، އެ ބިން ދޫކޮށްލަންޖެހޭ ޝަރުތު އުވާލައްވާނެ ކަމުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިރޭ މާފަންނުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ މާލޭގެ އިތުރަށް އަތޮޅު ތެރޭގެ ރައްޔިތުންނަށްވެސް އިންސާފުވެރި ގެދޮރުވެރިކަމުގެ ނިޒާމެއް މުހިންމު ކަމަށެވެ. އަދި މާލެއާއި އަތޮޅުތެރޭގެ ޙާލަތް އެމަނިކުފާނަށް ފާޙަގަވެފައިވާތީ، އެކަންކަމަށް ގައުމީ ފެންވަރުގައި ހައްލު ގެނެސްދެއްވަން އަޒުމް ކަނޑައެޅުއްވި ކަމަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ މާލޭގައި ކުދިކުދި ތަންކޮޅުތަކުގައި ދިރިއުޅެމުން ދާ ފަރާތްތަކަށް ގޯއްޗެއް ލިބޭއިރު، ބަދަލުގައި އެމީހެއްގެ މިލްކުގައި އޮތް ކުޑަކުޑަ ބިންކޮޅު ދޫކޮށްލަން ޖެހުމަކީ އިންސާފުވެރި ހަމައެއް ކަމަށް އެމަނިކުފާނު ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ހިޔާ ފްލެޓްތައް ދޫކުރިއިރުގައި ފްލެޓް ލިބުނު ފަރާތްތަކުން އެމީހަކަށް ލިބިފައިވާ ގޯއްޗެއް ދޫކުރަން ޝަރުތު ނުކުރައްވާ ކަމަށްވެސް އެ ވެރިކަމުގައި ހައުސިންގ މިނިސްޓަރުކަން ކުރެއްވި ޑރ.މުޢިއްޒު މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

"އެހާ ދުވަސްވަންދެން ނިކަމެތި ގޮތެއްގައި ކުޑަ ތަންކޮޅެއްގައި އުޅެމުން ދަނިކޮށް މި ލައްވާލަނީ ގޯއްޗެއް، ފްލެޓެއް. ލައްވާލީމަ އެތަން ލިބޭކަށް ނެތް މިހާރު ތި އުޅޭ ތަންކޮޅު އެބަ ޖެހޭ ދޫކޮށްލަން. އެއީކީ އިންސާފެއް ނޫން، އެ ނުވާނެ އިންސާފަކަށް." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި ހަލުވި ބާޜުމިނުގައި ގެނެސްދެއްވި ތަރައްގީ އެމަނިކުފާނު ގެނެސްދެއްވާނެ ކަަމަށެވެ. ގެދޮރުވެރިކަން ޔަގީންކޮށްދެއްވުމަށް ޤާނޫނަށް އެކަށޭނަ ބަދަލެއް ގެނެސްދެއްވައިގެންވިޔަސް ކުދި ތަންކޮޅުކޮޅު ދޫކޮށްލަން ނުޖެހޭ ގޮތެއް މަގުފަހިކޮށްދެއްވާނެ ކަމަށް ޑރ.މުޢިއްޒު ވައުދުވެވަޑައިގަތެވެ. ހަަމައެއާއިއެކު، މިވަގުތު ބަންޑާރަ ގޯތި ލިބުނު ފަރާތްތަކުން ދޫކޮށްލަން ޖެހުނު ބިން ޤާނޫނީ އިމުގެ ތެރެއިން އެ މީހުންނަށް އަނބުރާ ލިބޭނެ ގޮތް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

"ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވަންޏާ ގެނެސްގެން ވިޔަސް، އަދި އެއާ ގުޅިފައި ހުރި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ވިޔަސް، މިހެން ހުންނަ ކުދި ތަންކޮޅުކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެދޮރު ޔަގީންކޮށްދޭނަން." ޑރ. މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން