ސިވިލްކޯޓްގެ އިސް ޤާޟީ އަލްއުސްތާޛް އަޙްމަދު ނިމާލު ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ޤާޒީ ނިމާލު އަވަހާރަވީ ރޭ ދަންވަރު 12 ޖަހާކަށް ހާއިރުއެވެ. ނިމާލު އަވަހާރަވީ އާލާސްކަންފުޅެއް ޖެހިގެނެއް ނޫނެވެ. އަދި ޢާންމު ޙާލަތެއްގައި އޭނާ ހުންނެވީ ހެޔޮ ޙާލުގައިކަމަށާ، ރޭގެ ރޭގަނޑުގެ ފަރިއްކޮޅަށްފަހު، ކުއްލި އަކަށް ގޭސްޓްރިކް ވެގެން އުނދަގޫތަކެއް ވުމަށްފަހު ކުއްލިގޮތަކަށް އަވަހާރަވީކަމަށް މަޢުލޫމާތު ލިބެއެވެ.

ރޭ ކުރިމަތިވި އުނދަގޫތަކަށްފަހު ނޭވާލާން އުނދަގޫވެގެން މީހާ ހުއްޓުން އެރިކަމަށާ، އެއާއެކު ވަގުތުން އައިޖީއެމްއެޗަށް ގެންދިޔަކަމަށްވެސް މަޢުލޫމާތުލިބެއެވެ.

އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ޤާޒީވަނީ އަވަހާރަވެފައިކަމަށް ހޮސްޕިޓަލާ ހަވާލާދީ މަޢުލޫމާތު އެނގޭ ބައެއް ބޭފުޅުން ވިދާޅުވެއެވެ.

އަލްއުސްތާޛް އަޙްމަދު ނިމާލު އަވަހާރަވީއިރު ޢުމުރުފުޅަކީ 36 އަހަރެވެ.

ގއ. މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދަކީ ބެޗްލަރސް އޮފް ލޯ އިން ޝަރީއާ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. ސިވިލްކޯޓްގެ ޤާޟީގެ މަގާމަށް އޭނާ އައްޔަންކުރެއްވީ 2022 ވަނަ އަހަރުގެ މާޗްމަހުއެވެ. އޭގެ ފަހުން ސިވިލް ކޯޓުގެ އިސްޤާޟީ އަބްދުﷲ އަލީ، ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުން އެ ކޯޓު ހިންގުން ވަގުތީ ގޮތުން އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދާއި ހަވާލުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 22 ވަނަދުވަހުއެވެ.

ސިވިލްކޯޓްގެ އިސްޤާޟީގެ މަޤާމަށް ނިމާލު އައްޔަންކުރައްވާ ފަތްކޮޅު އަރުވާފައިވަނީ މި އަހަރުގެ މޭމަހުގެ 09 ވަނަދުވަހުއެވެ.

ޤާޒީ އަޙްމަދު ނިމާލް ޖުނައިދުގެ ޖަނާޒާ އޮޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން