މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އާއި އެމްއެންއެސްޑީއޭއާއި ދެމެދު ތަމްރީން ޕްރޮގްރާމްތައް ހިންގުމުގެ ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު އޮތް މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަންއެވެ.

މި ފަހުމުނާމާ އަކީ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކުގެ ދަށުން ހިންގާ ޕްރޮގްރާމްތައް އެކްރެޑިޓް ކުރުމަށްޓަކައި މި ދެ އިދާރާ އާ ދެމެދު ވެވުނު ފަހުމުނާމާއެކެވެ.

މި ފަހުމުނާމާގައި ސޮއި ކުރި ރަސްމިއްޔާތުގައި، އެމް.ކިއު.އޭ ގެ ސީ.އީ.އޯ ޑރ. ޢަބްދުލްޙަންނާން ވަހީދު ވިދާޅުވެފައި ވަނީ މި ފަހުމުނާމާ ގެ ސަބަބުން އެމް.އެން.އެސް.ޑީ.އޭ އިން ރެޖިސްޓަރޑް ޓްރެއިނިންގ ޕްރޮވައިޑަރސް (އާރ.ޓީ.އޯ) ތަކާ ޙަވާލުކޮށްގެން ކުރިޔަށް ގެންދާ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކުގައި ހިމެނޭ މަސައްކަތު ތަޢުލީމާއި ތަމްރީނުގެ ތަފާތު އެކި ޕްރޮގްރާމްތައް ވީހާ ވެސް ގިނަ ބަޔަކަށް ފުރުޞަތު ލިބޭގޮތަށް ހިންގުމަށް މަގު ފަހިވެގެން ދާނެ ކަމަށެވެ.

މި ފަހުމުނާމާ ގައި އެމް.ކިއު.އޭ ގެ ފަރާތުން ސޮއި ކުރެއްވީ އެމް.ކިއު.އޭ ގެ ޑިރެކްޓަރ ޖެނެރަލް މަރްޔަމް ފިޒާނާ ރަޝީދުއެވެ. އަދި އެމް.އެން.އެސް.ޑީ.އޭ ގެ ފަރާތުން ސޮއި ކުރެއްވީ އެމް.އެން.އެސް.ޑީ.އޭ ގެ ޑިރެކްޓަރ ޖެނެރަލް ޝަކީބާ އަލީ އެވެ.

މިގޮތުން އެކްރެޑިޓެޑް ކުރެވޭ ޕްރޮގްރާމްތައް ވެސް އެކްރެޑިޓެޑް ކުރެވެމުން ދާ ވަރަކަށް، އެމް.ކިއު.އޭ ގެ ވެބްސައިޓް ގެ ކޮލިފިކޭޝަންސް ރެޖިސްޓަރ ގައި ޝާއިއުކުރެވެމުން ދާނެ ކަމަށް އެމް.ކިއު.އޭ އިން މަޢުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން