ލިޔުންތެރިކަން ފުޅާދާއިރާއެއްގައި ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށްއޮތްތަނުގައި ކުރައްވާނެކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ގެ ދަށުން ނެރުއްވާ ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ މުޖުތަމަޢެއް ބިނާކުރުމަށް ލިޔުންތެރިން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށެވެ.

އެމް.އެން.ޔޫގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ ލިޔުންތެރިކަމަކީ އެބައެއްގެ ޢިލްމީ މުއްސަނދިކަން ފެތުރުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އަދި އެދާއިރާއިން ފުރުޞަތު ފަހިކޮށްދެއްވުމަށް ޤައުމީ ޔުނިވަރސިޓީން "ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ފެއްޓެވިކަމަށްޓަކައި އެމަނިކުފާނު ވަނީ ޤައުމީ ޔުނިވަރސިޓީއަށް ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރަށްވެސް، ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ ވާހަކަ ދައްކާއިރު ދިވެހި ބަސް އޭގެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އެބައެއްގެ މާދަރީބަހަކީ އެބައެއްގެ އަސްލު އަންގައިދޭ ސިފައެއްކަން ފާހަގަކުރައްވައި ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ.

މި ރަސްމިއްޔާތަށްފަހު ނައިބު ރައީސް ފައިސަލް ވަނީ 'އެމް.އެން.ޔޫ. ފޮތް މައުރަޒު' ހުޅުވައިދެއްވައި މި މައުރަޒު ބައްލަވައިލައްވާފައެވެ. 'އެމް.އެން.ޔޫ. ފޮތް މައުރަޒު' ކުރިއަށްދާނީ މި ސެޕްޓެމްބަރ މަހުގެ 20 ން 22 ށް ޔުނިވަރސިޓީގެ މައި މަރުކަޒުގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ. މި އަހަރު 23 ފަރާތަކުން މި މައުރަޒުގައި ވަނީ ބައިވެރިވެފައެވެ.



"ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ގެ ދަށުން މި އަހަރު 3 ލިޔުންތެރިން ވަނީ ފޮތް ނެރުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން