ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އޮކްޓޫބަރު 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ގޮވާލާ ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ހުށަހަޅާ ޤަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. މި ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ފާސްކޮށްފައިވަނީ މި ގަރާރު މުޅި މަޖިލީޙުގެ ކޮމިޓީގައި ބަހުސްކުރުމަށްފަހު މުޅި މަޖިލީހުގެ ކޮމިޓީންވެސް ފާސްކުރުމަށްފަހުއެވެ.

އިލްޔާސް ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ ޤާނޫނުއަސާސީއަށް 15 އަހަރު ވެފައިވާއިރު، އެ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއްވެސް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދޭންޖެހިފައިވަނީ އެއިރެއްގެ ސަރުކާރުގައި ހުންނަ ވެރިމީހާ ކަމުނުގޮސްގެން އެމީހަކު ވެރިކަމުން ބާލައި ވެރިކަން ބަދަލުކުރުމަށް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުތަކުގައި އެއްވެސް ކެންޑިޑޭޓަކަށް އެކަނި 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ނުހޯދޭ ކަމަށާއި ކޯލިޝަން ހަދަން ޖެހޭކަން ފާހަގަކޮށްފައިވެއެވެ. މި ގަރާރުގައި ހުށަހަޅާފައިވަނީ އޮކްޓޯބަރު 30 ގެ ކުރިން ވޯޓަށް އެހުމަށެވެ.

ނިޒާމީ ވޯޓާ ގުޅޭގޮތުން މީގެކުރިން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އެކަމަށްޓަކައި ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށާއި އިންތިޚާބު ބޭއްވުމުގެ ކުރިން ބަރުލަމާނީއާއި ރިޔާސީ ނިޒާމަކީ ކޮބައިކަން ރައްޔިތުންނަށް އޮޅުންފިލުވާދިނުން މާ މުހިންމު ކަމަށެވެ. އަދި އެކަމަށްޓަކައި 30 ނުވަތަ 40 ދުވަސް ހޭދަވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން